ރަށްރަށުގައި ދިމާވާ ވަޒީފާގެ މައްސަލަތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށް މައްސަލަ ހުށަހެޅުން އޮންނަނީ އުނދަގޫ ކަމަކަށްވެފައެވެ. ވަޒީފާއިން ވަކިކުރާތާ ނުވަތަ ފިޔަވަޅެއް އަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި މައްސަލަ ޓްރިބިއުނަލަށް ހުށަހަޅެންޖެހޭއިރު ކިތަންމެ ބޮޑު ނާއިންސާފަކާ ކުރިމަތިވި ނަމަވެސް ގިނަ މީހުން ދޫކޮށްލަނީ އެ ހައްގުގެ ބޭނުން ނުކޮށެވެ. 

މީގެ އެންމެ ބޮޑު ސަބަބަކީ ރަށްރަށުގައި ތިބެގެން މާލޭގައި ހުންނަ ޓްރިބިއުނަލްއަށް މައްސަލަ ހުށަހަޅަން އުނދަގޫވުމެވެ. އެކަމަށް ވަސީލަތާއި ފުރުސަތު އަދި ވަގުތު ވެސް ނެތުމުންނެވެ. ވަޒީފާއިން ކަނޑާލިޔަސް ނުހައްގު ފިޔަވަޅެއް އެޅި ނަމަވެސް އެ ގޮތް ވެސް އެންމެ ރަނގަޅު ކަމަށް ދެކިގެން ތިބުން އޮތީ އާންމުވެފައެވެ. އެކަމަކު އެއީ ކަންބޮޑުވުމެކެވެ. 

މި ކަންބޮޑުވުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ނިމުން ގެނެސްފައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ގިނަ އިސްލާހުތަކެއް ގެެނެސް ފާސްކުރިއެވެ. މިއީ އެފަދަ އެއް އިސްލާހެވެ. އިސްލާހު ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. 

ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައިވާ ގޮތުން މާލެ ފިޔަވަައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާ ބެހޭ މައްސަލަތައް، އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށް ހުށަހެޅިދާނެއެވެ. 

ރަށްރަށުގެ މެޖިސްތްރޭޓް ކޯޓުތަކަށް ހުށަހެޅޭ ވަޒީފާބެހޭ މައްސަލަތައް، މައްސަލަ ހުށަހެޅުނު ކޯޓު މެދުޗެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށާއި މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން ކަމަށް އިސްލާހުގައިވެއެވެ. 

އިސްލާހުގެ ސަބަބުން ރަށްރަށުގައި މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި ހައްގު ހޯދުމުގެ މަގު ފަސޭހަވެ، އެކަމަށް އޮތް ހުރަސްތަކާއި ޝަކުވާތައް ފިލައިގެންދާނެއެވެ. މިއީ މުވައްޒަފުންގެ ހައްގުގައި އަނެއްކާވެސް ގާނޫނަށް ގެނުވުނު މުހިންމު އިސްލާހެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.