ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންފުޅުވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ފޮނުއްވެވި މެސެޖު އާންމުވުމާއެކު، ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން އަނެއްކާވެސް ސޯޝަލް މީޑިއާގައި ފައްޓައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެ ވަޑައިގަންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު، ރައީސް ޞާލިހު އަށް މެސެޖު ފޮނުއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި މެސެޖު ރައީސް ޞާލިހުއަށް ލިބިވަޑައިގެންނެވި ކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
#Barulamaanee #laamarukazeeraajje pic.twitter.com/kDcrqTdecE
— Basheer (@Batteyy) April 18, 2021
މިއާއެކު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ސޯޝަލް މީޑިއާގައި ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރައްވަމުންނެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ކެމްޕެއިން ކުރަން ފަށާފައިވާއިރު، ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެ ވޯޓު ބޭއްވުމަށް މަގު ފަހި ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.
My first ever vote was for Nizaamee vote. Back then even I voted for #Barulamaanee. Still believe it will be the best system for Maldives @MohamedNasheed 🙏💛
— S H A T H S (@AmnaShath) April 18, 2021
މީގެ ކުރިންވެސް ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ އެމްޑީޕީ އިން ކެމްޕެއިން ކޮށްފައިވެއެވެ. 2007 ވަނަ އަހަރު ބޭއްވުނު އެ އިންތިހާބުން ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ކުރި ހޯދީ ރިޔާސީ ނިޒާމެވެ. އެހެންނަމަވެސް، އެ ވޯޓު އޮޅުވާލި ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ.
ބަރުލަމާނީ ނިޒާމާއި ގުޅިގެން ރޭ ފޮނުއްވެވި މެސެޖުގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު ބައެއް ހުށަހެޅުއްވުންތައް ވެސް ރައީސް ސޯލިހަށް ހުށަހަޅުއްވާފައި ވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ. އަދި އަންނަ އަހަރު ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައި ވެއެވެ.
އެއަށްފަހު ސަރުކާރު އުވާލެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން އިތުރު ހުށަހެޅުއްވުންތައް ވެސް ރައީސް ނަޝީދުގެ މެސެޖުގައި ހުށަހަޅުއްވާފައި ވެއެވެ. ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަކަށް އަމަލުކުރަންޖެހޭނީ ބަރުލަމާނީ ނިޒާމަކަށްކަން ވަކާލާތުކުރައްވާ ބޭފުޅެކެވެ.