ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ޑިއުޓީ ނިމުމުން އެ ތަން ދޫކޮށް ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފިއެވެ. މި އިސްލާހު ވަޒީފާއާ ބެހޭ ގާނޫނަށެވެ. 

އިސްލާހު ގެންނަ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ. ރިސޯޓްތައް ގިނަ ބ. އަތޮޅުގައި ހިސާން ކެމްޕެއިން ކުރެއްވިއިރު ވެސް އެކަން ފުއްދަވާ ދެއްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ. 

މިއަދު މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. އެއީ ރިސޯޓެއް ތަރައްގީ ކުރެއްވުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުންދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. 

އިސްލާހުގެ ބިލްގައިވާ ގޮތުން މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވެއެވެ. އެއީ ރިސޯޓެއްނަމަ އެ ރަށެއް ދޫކޮށް ދިޔުމުގެ ހައްގެވެ. ނޫންނަމަ ވަޒީފާ އަދާ ކުރާ ސައިޓެއް ނޫނީ އުޅަނދެކެވެ. 

އެފަދަ ތަނެއްގައި މަސައްކަތުގެ ގަޑި ނިމުމުން ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެއެވެ. މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސްވެއެވެ. 

ތަނުން ދިޔުމަށް މުވައްޒަފަށް އުޅަނދެއް ބޭނުންވާނަމަ، އެ އުޅަނދެއް ވަޒީފާ އަދާ ކުރާ ތަނާ ކައިރިކުރުން މަނާކޮށްގެން ނުވާނެ ކަމަށް ވެސް ހިސާން ހުށަހަޅުއްވައި، މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.