ނިޒާމީ ބަހުސް ހުރިހާ ކޮޅަކަށް ވާން

ވެރިކަމުގެ ނިޒާމުގެ ބަހުސް އަކީ ރާއްޖޭގައި ފުރިހަމަ ވެރިކަމެއް ހިންގުމަށް މުހިންމު ބަހުސްއެއް -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ) | ޖަޒީރާ

ދިވެހިރާއްޖެއަށް ޤާނޫނު އަސާސީއެއް ފުރަތަމަ އުފަންވުމާއި ހަމައިން މިއަދާއި ހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ އެ ފުށް މިފުށަށް ފުރޮޅެމުން އޮޅުން ބޮޅުން ގަނޑެއްގެ ތެރެއިން އުފަންވެފައިވާ ނިޒާމެކެވެ. ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އޭގެ ފަހުން ރަސްކަމަކަށް ބަދަލުވެ، އަދި މިހާރު އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުވެފައިވާ މި ނިޒާމުގައި، ހަގީގީ އެއް ނިޒާމުގެ ކުލަ ޖެހިފައިވެޔޭ ބުނުމަކީ ގޯހެކެވެ. 2008 ވަނަ އަހަރު އުފަންކުރި 'ފުރިހަމަ' ފެހި ޤާނޫނު އަސާސީއާ އެކުވެސް، އަމަލު ކުރެވެމުންދާ ނިޒާމު ފެންނަނީ "ހައިޖާނު" ގަނޑެއްގެ ގޮތުގައެވެ.

ދެކޮޅުންކާވެނުގެ މި ނިޒާމު ބަދަލު ކުރުމަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް މުހިންމު މަސައްކަތެކެވެ. އެމަނިކުފާނު އަބަދުވެސް ވަކާލާތު ކުރައްވަނީ އެ މަގުންނެވެ. "އަހަންނަށް ފެންނާން އޮތް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް" އޭ އަޑު ވީއްލާ ބުނަން ފެށީކީ މިއަދަކު ނުވަތަ އިއްޔެއަކުވެސް ނޫނެވެ. އެއީ މާކުރިން ފެށިގެން ފަށްފަށްކުރަމުން އައި ވާހަކައެކެވެ. އެހެނަސް، އެ ވާހަކަ ދުވަސްކޮޅަކަށް މަޑުޖައްސާލުމަށްފަހު، ހަށިފުރާ ނޭވާއެއްލާފައި އަނެއްކާވެސް އެ ވާހަކަ ރޭ ފައްޓަވައިފިއެވެ. މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ފޮނުއްވެވި މެސެޖަކުންނެވެ.

ވިދާޅުވަނީ ފުޓްބޯޅަ މެޗު ބައްލަވަން ދުރުގައި މަޑު ނުކުރެވޭނެ ކަމަށެވެ. ބޫޓަށް އަރައިގެން ކެޕްޓަން ބޭންޑު އަޅުއްވައި ބާރަށް ދުއްވައިގަންނަން ބޭނުންވާ ކަމަށެވެ. ބޮޑު ވަޒީރަށް ވާން ބޭނުންވާކަން ވަރަށް ތިލަކޮށް، ސާފު ސީދާ ބަހުން މި ފަހަރު ވިދާޅުވެއްޖެއެވެ. އެހެން ފަހަރުތަކާއި ހިލާފަށް، މިފަހަރު އެ ވާހަކަ އެ ވިދާޅުވީ އެންމެހާ ދިވެހި ރައްޔިތުންނަށް ފަހުމު ވާނޭހެންނެވެ. މެސެޖު ބައެއް މަޖިލިސް މެންބަރުންނަށްވެސް ފޮނުއްވައިފިއެވެ. ނިޒާމުގެ ވާހަކަ އަޑު ވީއްލައި އަނެއްކާވެސް ފައްޓަވައިފިއެވެ.

 

ބަރުލަމާނީ: އަބަދުވެސް އެމްޑީޕީގެ ފަލްސަފާ

ބަރުލަމާނީ ނިޒާމަކީ އެމްޑީޕީގެ ފަލްސަފާ ކަމެއް ނުވަތަ ރައީސް މުހައްމަދު ނަޝީދުގެ ފަލްސަފާކަމެއް ދަންނަވަން ދައްޗެވެ. ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ އެކަށޭނެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ބޭއްވި ވޯޓުގައި އެމްޑީޕީ ނިކުތީ ބަރުލަމާނީ ނިޒާމާ އެއް ކޮޅަށެވެ. އެކަމަކު އޭރުގެ ސިޔާސީ މަސްރަހާއި މިހާރު އޮތް ސިޔާސީ މަސްރަހާއި ވެސް ތަފާތެވެ. ބައެއް މީހުން ބުނާ ގޮތުގައި، ބަރުލަމާނީ އަކީ އަންހެނެއްތޯ ފިރިހެނެއްތޯ ސުވާލުކުރާ ދިވެހިންވެސް އޭރު އުޅުނެވެ. ޤާނޫނު އަސާސީއިން އޭރު ދިވެހިން ދަންނަހާވެސް އެއްޗަކީ ހުކުމްކޮށް ހުރަގެއަށް ލެވޭނީ ކޮން މާއްދާއަކުން ކަމެވެ.

2007 ވަނަ ބޭއްވުނު ނިޒާމީ ވޯޓުގެ ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: ހާނި

2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނެގުނު ނިޒާމީ ވޯޓުން ކުރި ހޯދީ ރިޔާސީ ނިޒާމެވެ. މަކަރާއި ޗޯރުން މާނިދިމަތުރައިގެން ވޯޓުން ވައްކަން ކުރީ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ. އެހެނަސް، އެއިރަށް އެކަން ހުއްޓާލައްވައި ދޫ ދެއްވިއެވެ. ދޭތެރެއަކުން އެ ވާހަކަ ނުދައްކަވަނީއެއް ނޫނެވެ. ހަނދާން ކޮށްދިނުމުގެ ގޮތުން، އަބަދުވެސް ދައްކަވައެވެ.

އެ ވޯޓަށް މިހާރު 14 އަހަރު ވެފައިވާއިރު، ރިޔާސީ ނިޒާމަކީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމް ކަމަށް އެމްޑީޕީ ތެރެއިން ގަބޫލުކުރާ މީހުންވެސް މިހާރު ގިނަވެއްޖެއެވެ. ދެ ގޮތެއް ނުވެ ދެމި ހުރީ ރައީސް ނަޝީދާއި އަދިވެސް ނިޒާމު ހަމަ ހަގީގަތުގައިވެސް ގަބޫލުކުރާ ބައެކެވެ. އަދަދުގެ ގޮތުން އެ މީހުން މަދު ކަމެއް ނުވަތަ ގިނަ ކަމެއް ހިސާބު ޖަހައި ބުނަން ދައްޗެވެ. އެހެނަސް، ބަރުލަމާނީއާ ސީދާ އެއްކޮޅަށް ތެދުނުވާ މީހުން ގިނައެވެ. ރައީސް ޞާލިހު ހިމެނޭ ހެންނެވެ.

 

ރައީސް ދެކޭގޮތް ސާފެއް ނޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިހަކީ ރައީސް ނަޝީދުގެ އެންމެ ދުވަސްވީ އެއް ރަހުމަތްތެރިޔާއެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ދެ ގޮތެއް ނުވެ ދެމި ހުރި މީހެކެވެ. އެހެނަސް، ބަރުލަމާނީ ނިޒާމުގެ ވާހަކައިގައި ރައީސްގެ ބަސްމަގު ހުންނަނީ ކަސިޔާރު ގޮތަކަށެވެ. ކަމުދަނީ ކޮން ނިޒާމެއްތޯ ކަނޑައެޅުމުގެ ބަހުސްގައި ސީދާ ޖަވާބެއް ދެއްވާތަނެއް ނުފެނެއެވެ. ރައީސް ނަޝީދާއި އެއްބަސްވެވަޑައިގަންނަވާ ތަނެއްވެސް، އަދި ދެބަސްވެވަޑައިގެންނަވާ ތަނެއްވެސް ނުފެނެއެވެ. ދެއްވަނީ "ޑިޕްލޮމެޓިކް" ޖަވާބު ތަކެކެވެ.

ފުރަތަމަ ސުވާލަކީ ރާއްޖޭގައި މިއޮތީ ކޮން ނިޒާމެއްތޯ؟ އެއެއް ނޭނގެ އަޅުގަނޑުމެންނަކަށް

ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނު އަސާސީގައި، ދިވެހިރާއްޖޭގައި ހިނގަނީ ރިޔާސީ ނިޒާމެއް ކަން ބަޔާންކޮށް، ބާރުތައް ވަކި ކޮށް، ރިޔާސީ ނިޒާމެއްގެ ކުލަ ޖައްސާފައިވެއޭ ބުނަން ދައްޗެވެ. ރައީސްވެސް އެކަން ގަބޫލު ކުރައްވައެވެ. ވިދާޅުވަނީ ރާއްޖޭގައި އޮތީ މަސްހުނިވެފައިވާ ނިޒާމެއް ކަމަށެވެ. ރައީސް ވަކި ކުރުމުގެ ބާރުން ފެށިގެން، ވަޒީރުންވެސް އިންތިހާ ދަރަޖައަށް ޖަވާބު ދާރީ ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދެއްވާފައިވަނީއެވެ. ފުރިހަމަ ރިޔާސީ ނިޒާމެއް ހިންގުމަށް ބޭނުންވާ 'އެގްޒެކެޓިވް ޕަވަރސް' ދެއްވާފައިވާ ކަމަކަށް ރައީސް ޞާލިހު ގަބޫލެއް ނުކުރައްވައެވެ.

ދެންވެސް އެއްވެސް ޒަމާނެއްގައި އެއްވެސް އިރެއްގައި ނިޒާމާ ބެހޭ ގޮތުން ގޮތެއް ނިންމާނަމަ ފުރަތަމަ އަހަން ޖެހެނީ ރައްޔިތުންގެ ކައިރީ. ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނު އަސާސީގައި ބަދަލެއް ގެންނަންޏާ ގެންނަން ވާނީ.

އެހެނަސް، ރައީސް ގަބޫލުކުރައްވާ ކަމެއް އެބައޮތެވެ. ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަދަދަށް ރައްޔިތުން މަޖިލީހުގެ ވޯޓު ލިބިފައި އޮތުމަކީ، ރައްޔިތުން ހިޔާލު ހޯދުމަކާއި ނުލައި ނިޒާމު ބަދަލު ކުރުމަށް އޮތް އުޒުރެއް ނޫނެވެ. އެއީ ކުރަން ހެޔޮ ވާވަރު ކަމެއް ނޫނެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް 2007 ވަނަ އަހަރު ނެގުނު މަގްސަދު ނަގާލައި، ރައްޔިތުންގެ މައްޗަށް ގައްދާރު ވެގަންނަން ހަނި ފުރުސަތެއް ޤާނޫނު އަސާސީ އިން ލިބިދީފައި އޮތުމަކީ އެކަން ކުރަންވީ ސަބަބެއް ނޫނެވެ.

 

ރައްޔިތުންގެ ހިޔާލު މުހިންމު

މިކަމުގައި ރައީސްގެ ހިޔާލަށް ތާއީދު ކުރައްވާ މީހުން ގިނައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ މައިދާނުގައި މަދުން ނަމަވެސް ބަސް ވިކޭ މީހުންނާއި، އެންމެ އާދައިގެ ރައްޔިތުން މީހާވެސް މެއެވެ. 60 އިންސައްތައަށްވުރެ ބޮޑު ކާމިޔާބީއަކާއެކު، ރިޔާސީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމް ކަމަށް ކަނޑައެޅުނު އިރު، އެ ބަހުސްގެ އެންމެ ކުރީގައި ހުރި ރައީސް މައުމޫން ވިދާޅުވަނީ، ނިޒާމު އިރު އިރު ކޮޅުން ބަދަލު ކުރުމަކީ ގޯހެއް ކަމަށެވެ. އެއީ ގައުމެއް ހިންގަން އޮތް އެންމެ ރަނގަޅު މަގު ކަމަށް ނުފެންނަ ކަމަށެވެ.

އެހެނަސް، ބައެއް މަޖިލިސް މެންބަރުންނަށް މައްސަލައަކީ ނިޒާމު އިރު އިރު ކޮޅާ ބަދަލު ކުރުމެއް ނޫނެވެ. ނިޒާމު ދެދުވަހުން އެއް ދުވަހުވެސް ބަދަލު ކުރަންވީއެވެ. އިރު އަރާ އޮއްސޭއިރު ހަތަރު ފަހަރަށްވެސް ބަދަލު ކުރަންވީއެވެ. ބޭނުންވަނީ ރައްޔިތުންގެ އާނ ބަސް އެކަމުގައި އޮތުމެވެ. އެމީހުން އެކަމަށް ހިތް ރުހުމެވެ. ހިތް ރުހޭންވީ އެއީ ރައްޔިތުން ނިންމާފައިވާ ނިންމުމަކަށް ވާތީއެވެ.

ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތީމައި، ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން. އެއީ ރައީސް އަކަށް ރައްޔިތުންގެ މަޖިލިސް އަކަށް ނިންމޭނެ ކަމެއް ނޫން -  ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވަނީ، ރައްޔިތުން ކޮށްފައިވާ ހުކުމެއް ދެ މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެކަން ކުރަންވާނީ އަނެއްކާވެސް އަލުން ގޮސް ރައްޔިތުންގެ ގާތުގައި އަހައިގެންނެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ފާސް ވެގެންނެވެ. އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާ ތަމްސީލު ކުރައްވާ އިބްރާހިމް ޝަރީފްގެ ވާހަކަވެސް ހުރީ މިފަދަ މޭރުމަކުންނެވެ. ނިޒާމު އުވާލައި، އެހެން ނިޒާމަކަށް ފުރޮޅާލުމަކީ ރައްޔިތުންގެ ހިޔާލު ބޭނުންވާނެ ކަމެކެވެ. ކޮޅުނެތްކޮޅަށް އެކަމާއި މެދު ރައްޔިތުން ވިސްނަން ޖެހޭނެ ކަމެކެވެ.

އެންމެ ފަހުން މި ބަހުސް އާ ރައީސް ނަޝީދު ވެސް ގުޅިވަޑައިގެންނެވިއެވެ. ރައްޔިތުންނަށް ވަގަށް، އޮޅުވާޅައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީން ކަން ފާޅުގައި ދެއްވިއެވެ. ނިޒާމުގެ ކޮންމެ ވާހަކައެއްވެސް ގޮސް ނިމޭނީ އެތެރެ ފެންނަ ވޯޓު ފޮށްޓަކަށް ރައްޔިތު މީހާ ލާ ވޯޓަކުން ކަމަށް ވިދާޅުވެ އެ ވާހަކަ ކޮޅެއްގައި ޖެއްސެވިއެވެ.

 

މަޖިލީސް މެމްބަރުން ވަޒީރުކަމަށް؟

މިހާ ހިސާބުން ބަހުސްގެ އެހެން ފަރާތެކެވެ.

ކެޕްޓަން ބޭންޑް އަޅުއްވައި ބޮޑުވަޒީރު ކަމަށް އިސްވުމުގެ ހިޔާލު ރައީސް ނަޝީދު ދެއްވީ އެއްވެސް ހާލެއްގައި އެކަމަށް ޕްލޭނެއް ނެތިއެއް ނޫނެވެ. ކުޅި ކުޅޭނެ ގޮތް ވަރަށް ރޭވުންތެރިކަމާއެކު ލިޔެ، އެ ލިޔުންވެސް ރައީސް ޞާލިހަށް ހުށަހެޅުއްވިއެވެ. ބޭނުންވަނީ ބަރުލަމާނީ ނިޒާމަކަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުރޮޅާލުމަށެވެ. ސަރުކާރު އެކުލަވާލާނީ މިހާރު އިންތިހާބު ކޮށްފައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން އައްޔަންކުރާނީ އެ މަޖިލިސް ތެރެއިންނެވެ. 2023 ވަނަ އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ، ރިޔާސީ އިންތިހާބު އެހިސާބުން ދެން ނުބާއްވާނެއެވެ. އިންތިހާބު އޮންނާނީ 2024 ވަނަ އަހަރުއެވެ. އެއީ މަޖިލިސް އިންތިހާބެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާނީ ޤާނޫނުގައި ވާ ގޮތުގެ މަތިން އިންތިހާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުންނެވެ.

ފަހަރުގައިވެސް މިއީ ރައީސް ނަޝީދު ސިޔާސީ ދުރުމި ނާޅުއްވައި ކުރައްވަން ބޭނުންވާ ކަމެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސީ ދުރުމި ހުރީ 10 އަހަރަށްވުރެ ވެސް ކުރިއަށެވެ. ކުރިންވެސް ވިދާޅުވަނީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީއަށް ދިގު މުއްދަތަކަށް އޮވެވެން އަންނަނީ ބަރުލަމާނީ ނިޒާމަކުން ކަމަށެވެ. ކޯލިޝަން ސަރުކާރުގެ ހާސަރު ދަމާލަ ދަމާލަ ތިބެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: މަޖިލިސް އިދާރާ

އެހެނަސް، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަޒީރުންގެ މަޖިލިސް އެކުލަވާލުމާއި ދެކޮޅު މީހުންވެސް ގިނައެވެ. އެމްޑީޕީގެ ކުރީގެ ރައީސް އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވަނީ، ނިޒާމު ބަދަލު ކުރާނަމަ މަޖިލިސް އަލުން އެކުލަވާލަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ބަރުލަމާނީ ނިޒާމަކާއި ދެކޮޅު ނަހައްދަވައެވެ. ދެކޮޅު ހައްދަވަނީ މިހާރު އޮތް މަޖިލީހުން އެކަން ކުރުމެވެ. ވިދާޅުވަނީ، މަޖިލީހަށް އައްޔަން ކުރުމަށް ވޯޓު ދިން ކެނޑިޑޭޓަށް ވޯޓު ދިނީ އެއްވެސް ހާލެއްގައި ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ކުރުމަށް ނޫންކަމަށެވެ. ވަޒީރުންގެ މަޖިލީހަށް ކުފޫ ހަމަވާ މީހަކު މަޖިލީހުގައި ނެތް ކަމަށެވެ.

ތިޔަތާކު ނެތް ވަޒީރުކަން ހަވާލު ކުރެވޭނެ އެކަކުވެސް

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ރައުޔުވެސް ހުރީ މިފަދަ ގޮތަކަށެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް ޝައުގުވެރިވެލައްވާނަމަ، އެކަން ކުރެވެން އަންނަނީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމް ކޮށްގެންނެވެ. އަދި، އުފެދޭ ބަރުލަމާނީ ނިޒާމުގެ ތެރެއިން، ރައްޔިތުން އިންތިހާބު ކުރާ މަޖިލީހުގެ 50 އިންސައްތަ ލިބޭ ޕާޓީ ނުވަތަ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި އެކަންޏެވެ.

ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން

 

"ނިޒާމު ބަދަލު ކުރަނީ އެކަކަށްޓަކައި"

ނިޒާމުގެ ބަހުސްގެ ވާހަކަ މިހާ ހިސާބަށް މި ގެނެވުނުއިރު، ރައީސް ނަޝީދު ފޮނުއްވެވި މެސެޖުގެ ވަރަށް މުހިންމު ބައަކަށް ދޭން ޖެހޭ ސަމާލުކަމެއް ނުދެވުނެވެ. އެއީ އެ މެސެޖުގެ ދެވަނަ ޖުމްލައެވެ. ބޮޑު ވަޒީރުގެ މަގާމް ބޭނުންފުޅުވަނީ، ގައުމު ހިންގުމުގައި އެމަނިކުފާނުގެ ބަސް ހިމެނުމަށްޓަކައެވެ. ދުރުގައި ބަލަން ހުންނަން ބޭނުން ނުވާތީއެވެ. ރައީސް ނަޝީދުގެ އަރިސްބޭފުޅުން ވިދާޅުވާ ގޮތުގައި، ގައުމުގެ ކަންކަން މިހާރު ހިންގަމުންދާ ގޮތާއިމެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެކަން ފޮރުއްވާކަށް އެމަނިކުފާނުވެސް މަސައްކަތެއް ނުކުރައްވައެވެ. ބޮޑުވަޒީރުގެ މަގާމް ބޭނުންފުޅު ވަނީވެސް އެހެންވެ ކަމަށްވުން އެކަށީގެންވެއެވެ.

އެހެނަސް، ނިޒާމު ފުރޮޅާލަން މަސައްކަތް ކުރައްވަނީ އަމިއްލަ ޝާނާއި ޝައުކަތަށްޓަކައި ކަމަށް ތުހުމަތުކުރާ މީހުންވެސް މަދެއް ނޫނެވެ. ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހިމް ވިދާޅުވީ، އަމިއްލަ އެދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާކަމެއް ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ދިމަޤްރާތީ ވެރިކަން ވެއްޓި ވެރިކަމަށް އިސްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބަސްމަގުވެސް ހުރީ މި ފަދަ ގޮތަކަށެވެ. ވިދާޅުވަނީ، ނިޒާމު ބަދަލު ކުރަންވާނީ އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާނަމަ އެކަނި ކަމަށެވެ.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އެޅިފައިވާ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވިދާޅުވަނީ އެފަދަ ވާހަކައެކެވެ. ބަރުލަމާނީ ނިޒާމަކީ ކޮރަޕްޝަން އިންތިހާއަށް އޮންނަ ނިޒާމެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ. އެ ނިޒާމު ގެންނަވަން މަސައްކަތް ކުރައްވާނީ ކޮރަޕްޝަނަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ. އެހެންވެ، އެ ނިޒާމަށް އެމަނިކުފާނަށް ތައީދު ކުރެއްވެން ނެތީއެވެ.

ރައީސް ސޯލިހު އަދި ރައީސް ނަޝީދު: ބައެއް މައްސަލަތަކުގައި އަބަދުވެސް ހިޔާލު ތަފާތު -- ފޮޓޯ: އަހުމަދު ޝުރާއު | ޖަޒީރާ

ރައީސް ނަޝީދު އަނެއްކާވެސް ފެއްޓެވި މި ބަހުސް އަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި ފުރިހަމަ ވެރިކަމެއް ހިންގުމަށް މުހިންމު ބަހުސްއެކެވެ. މިހާރު ނިމި "ތަސްދީގު ކުރެވިފައިވާ ދުސްތޫރަކީ ރިޔާސީ ނިޒާމުގެ ސިފަތައް ހާވިޔާވެ، އަދި ބަރުލަމާނީ އުސޫލުތަކަށްވެސް ނުފެތި، ފުށޫއަރާފައިވާ ހާލަތުތައް ވަރަށް ގިނަ ދުސްތޫރެއް" ކަން ހުދު އެމަނިކުފާނުވެސް ގަބޫލުކުރައްވައެވެ. އެކަން ހައްލު ކުރެވެން އަންނަނީ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ބަހުސް ކޮޅެއްގައި ޖައްސައިގެންނެވެ.

މިއަދު ދިވެހިންނަކީ ތަސައްރަފު ފުދި، ހެޔޮ ވިސްނުން ލިބިފައިވާ ބައެކެވެ. ބަރުލަމާނީ ނިޒާމަކީ އަންހެނެއް އަދި ފިރިހެނެއްވެސް ނޫންކަން ދިވެހިން މިއަދު ދަނެއެވެ. ވެރިކަން ކުރާ ފަރާތުގެ ހައްދެއް ނެތް ބާރު އެކަށީގެންވާ މިންވަރަށް ކުޑަކުރާން ޖެހޭކަން އިންތިހާއަށް އެ ދިވެހިން ގަބޫލުކުރެއެވެ. އެހަނަސް، ބަރުލަމާނީ ނިޒާމަކާއެކު ރައްޔިތުންގެ ޒިންމާ ނިކަން ބޮޑެވެ. މަޖިލީހަށް އައްޔަން ކުރަން ޖެހޭނީ ޖަންގަލީގެ އުސޫލުން އެއްކިބާވެފައިވާ، ތައުލީމީ މީހުންނެވެ. ބަސް ބުނަން ރައްޔިތުންނަށް ލިބޭނީ އެންމެ ފުރުސަތެކެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ.

ފަހަރުގައި މައްސަލައަކީ ނިޒާމު ނޫން ކަމަށްވެސް ވެދާނެއެވެ. ޕްރޮފެސަރ އުގެއިލްގެ ވިސްނުންވެސް ހުރީ އެ މަގުންނެވެ. މިއަދު ރައްޔިތުން ބޭނުންވަނީ އިހުލާސްތެރި ހިންގުންތެރި ވެރިންނެވެ. ވައުދުތައް ފުއްދައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނޭ ވެރިންނެވެ.

އެހެނަސް، ރައީސް ނަޝީދު މި ފެއްޓެވި ބަހުސްއާއެކު، އަނެއްކާވެސް މި ޖެހުނީ ނިޒާމީ ބަހުސްގައި ގަދަޔަށް ވާން ވާނީ ކޮން ކޮޅަކަށްތޯ ބަލަން ތިބޭށެވެ.

0
0
0
2
2

ކޮމެންޓް

Your email address will not be published. Required fields are marked *

0 %