އެހެން ގައުމެއްގެ ހަތިޔާރުއެޅި ބަޔަކު ދިވެހިރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. 

މިއަދު އެމްއެންޑީއެފްއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ އެހެން ގައުމެއްގެ "މިލިޓަރީ ޕްރެޒެންސް" އެށް ރާއްޖޭގައި ނެތް ކަމަށާއި އެހެންނަމަވެސް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭފުޅުން ތިއްބަވާކަމަށެވެ. "މިލިޓަރީ ޕްރެޒެންސް" ގެ ގޮތުގައި ސިފަކުރަނީ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ބައެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ބައެއް ނެތްކަން ވަރަށް ކެރިގެން ދަންނަވާ ކަމަށް ޝަމާލް ތަކުރާރުކޮށް ވިދާޅުވިއެވެ. 

ޝަމާލް ވިދާޅުވީ މިގޮތަށް ތިއްބަވާ ބޭފުޅުންނަކީ ކާރިސާތަކުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ތިއްބަވާ ބޭފުޅުންކަމަށެވެ. މިގޮތުން ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމަށްވެސް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކު ތިބޭކަމަށާއި އެއީ ހަތިޔާރު އެޅި ސިފައިން ނޫން ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެކުވެރި ގައުމުތަކާއި ގުޅިގެން ތަމްރީންތައް ހިންގުމަކީ އަބަދުވެސް އެމްއެންޑީއެފް އިން ގެންގުޅޭ އުސޫލެއްކަމަށާއި އެގޮތައް އެކަން މިހާރުވެސް ކުރިއަށް ގެންދާކަމަށެވެ. ޝަމާލް ވިދާޅުވީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސިފައިންވެސް އެހެން ގައުމުތަކުގައިވެސް ތިބޭކަމަށެވެ. އެގޮތުން ޑިފެންސް އެޑްވައިޒަރުންގެ ގޮތުގައި އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން އަދި މެލޭޝިއާގައި އެމްއެންޑީއެފްގެ ޔުނީފޯމް އެޅި އޮފިސަރުން ތިބޭ ކަމަށް ޝަމާލް ވިދާޅުވިއެވެ. 

ޝަމާލް ވިދާޅުވީ އިންޑިއާ ކަނޑަކީ ވަރަށް ގިނަ ނުކިއްސަރު ކަންކަން ހިނގަމުންދާ ތަނެއް ކަމަށާއި އެހެންކަމުން ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އެހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިންޑިއާއެކު ކޮންމެ ތިން މަހަކުން އެއް މަހު އޭރިއަލް ސަވައިލެންސް ކުރިޔަށް ގެންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އަދި މަސް ކަނޑުތައް ހިމާޔަތްކުރުމަށް ވެސް މަސައްކަތްކުރެވެމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ވިދާޅުވީ ދިވެހިރާއްޖޭގެ ސިފައިންނަކީ ގައުމުގެ އިސްތިގްލާލާއި ވަތަން ހިމާޔަތް ކުރުމުގައި ދެމިތިބޭނޭ ބަޔައް ކަމަށެވެ. 

ޝަމާލް މިގޮތަށް ވިދާޅުވެފައި މިވާ ދަނޑިވަޅަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާ ވަގުތެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.