ގދ. ހޯނޑެއްދޫއިން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތައް ފެނިފައިވާތީ އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. 

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އާމިނަތު އަރޫޝާ ވިދާޅުވި ގޮތުގައި ހޯނޑެއްދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 18 ގައި އެ ރަށަށް ދިޔަ އާއިލާއެއްގެ ހަތަރު މީހަކެވެ. 

އިތުރު ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނިގެން ޓެސްޓްކުރިއިރު އެ ދެ މީހުން ވެސް ޕޮޒިޓިވްވިއެވެ. އެ ދެ ކޭސްއާ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހުންނާ އެއްވެސް ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިނުވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ. 

ރަށުގެ ތެރެއިން ފެނުނު ދެ ކޭސްއާ ގުޅިގެން 36 މީހަކު ކޮންޓެކްޓްގެ ގޮތުގައި ފާހަގަކޮށް އެމީހުންގެ ސާމްޕަލް ނެގިއެވެ، އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއީ އެ ރަށުގެ ފަސް ގެއެއްގެ މީހުންނެވެ. އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ.

މާލެއިން ބޭރުން އެންމެ ގިނަ ކޭސް ފެނުނު ރަށަކީ މިހާރު ހޯނޑެއްދޫއެވެ. ނަމަވެސް މިއީ ކޮމިއުނިޓީ ސްޕްރެޑެއް ނޫން ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ހޯނޑެއްދޫގައި ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ރަށު ތެރެއިން ފެނުނު ކޭސްތައް ގުޅިފައިވަނީ އެއް ލިންކަކާ ކަމަށާއި އެހެންކަމުން އެއީ އެއް ކްލާސްޓާއެއް ކަމަށެވެ. 

ނަމަވެސް ބަލަން ޖެހޭ ކަންކަން އަދިވެސް ބަލަމުންދާ ކަމަށާއި އެ ރަށަށް ބަލި ދިޔަ ގޮތް ވެސް ބަލަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. 

ހޯނޑެއްދޫ މިހާރު އޮތީ މޮނީޓަރިންގައެވެ. އޭގެއިތުރުން މަޑަވެއްޔަކީ ހޯނޑެއްދޫއާ ކޯޒްވޭއަކުން ގުޅާލާފައިވާ ދެ ރަށަށްވުމުން އިތުރަށް ބެލުމަށް މަޑަވެލި ވެސް މޮނިޓަރިންނަށް ވަނީ ގެނެސްފައެވެ. ސަރަހައްދުގެ އިތުރު ރަށްރަށުން ވެސް ރެންޑަމް ސާމްޕަލް ނެގުމަށް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.