ކޮވިޑް-19އާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ޗުއްޓީ ހިމަނާފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައެވެ. މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރުމަށް 57 މެންބަރުން ވޯޓު ދެއްވިއެވެ. 

ބިލްގައިވާ ގޮތުން ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެ ނޫން ވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހިއްޖެނަމަ އެ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެއެވެ. މީގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ އާއިލާ މީހުންނާއި ބެލުން ހަވާލުވެފައިވާ މީހުން ވެސް ހިމެނެއެވެ. 

މި ޗުއްޓީ ދޭން ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ވަޒީފާ ދޭ ފަރާތަށް ދެއްކުމުންނެވެ. 

ހަމައެހެން ސިއްހީ ކުއްލި ނުރައްކަލުގައި ހާލަތުގެ ސަބަބުން ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެފަދަ ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެއެވެ. އޭގެއިތުރުން ދަތުރުފަތުރު ކުރުމަށް ގެންނަ ހަނިތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ ތަނަށް ދާން އުޒުރުވެރިވާ ހާލަތުގައި ވެސް ހާއްސަ ޗުއްޓީ ދޭން ޖެހޭނެއެވެ. 

މި ހާއްސަ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.