ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މީޑިއާގެ މިނިވަންކަން އޮތެވެ. ނަމަވެސް އެއީ ވަކި ބަޔަކަށެވެ. ހަމައެކަނި ތަފާތަކީ އެ މިނިވަންކަން ވަކި އަތަކަށް ބުރަވެފައި އޮތުމެވެ. ސަރުކާރަށް ސަނާކިޔައި އޭރުގެ އިދިކޮޅު ފަރާތްތަކަށް ކިތަންމެ ހުތުރު ގޮތަކަށް ފާޑުކީ ފަރާތްތަކަށް އެ މިނިވަންކަން ހައްދެއް ނެތް މިންވަރަށް އޮތެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީކޮށް ފާޑުކިޔާ ނަމަ ބިރުވެރިކަން ބޮޑެވެ. ހަތިޔާރަކަށް ބޭނުންކުރީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނެވެ. ސަރުކާރަށް ސަނާ ކިޔުމުގައި އިސްކޮށް ތިބި ފަރާތްތަކެއް މެންބަރުންގެ ގޮތުގައި ކަނޑައަޅައި ޕާޓީ އޮފީހުގެ ގޮތްޕެކޭ އެއްގޮތަށް މިނިވަން މުއައްސަސާއެއް ހިންގިކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އަބުރުގެ ގާނޫނެއް އުފަންކޮށް ބައެއް މީޑިއާތައް އިނދަޖައްސާލުމަށް ސަރުކާރުން ބޭނުންވި ގޮތަށް ރޮބޮޓްތަކެއް ގޮތަށް ކޮމިޝަނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެތައް މިލިއަން ރުފިޔާ އިން ބްރޯޑްކާސްޓަރުން ޖޫރިމަނާކޮށް މީޑިއާގެ މިނިވަންކަން ނަގާލަން ސަރުކާރުން ހިންގި ނާތަހުޒީބު އަމަލުތަކަކީ ވެސް އާ ސަރުކާރަކަށް ގިނަ ބަޔަކު ބޭނުންވި އެއް ސަބަބެވެ.

ކުރީގެ ސަރުކާރުގައި ބްރޯޑްކޮމްއާ މެދު އާންމުންގެ ހިތުގައި އުފެދުނު އުދާސްތައް، އާ ސަރުކާރާ އެކު ބަދަލުވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. އަދި ބްރޯޑްކޮމް އަށް ކުރީ ސަރުކާރުން ދިން އެންމެ ބޮޑު ހަތިޔާރު އަތުލިއެވެ. އަބުރުގެ ގާނޫނު އުވާލިއެވެ. މަޖިލިސް މެެދުވެރިކޮށް އިސްލާހުތައް ގެނައުމަށް މަސައްކަތް ފެށިއެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.

އާ ސަރުކާރެއް އައިތާ ދޮޅު އަހަރުވީ އިރު ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ބަދަލުކުރިއެވެ. ނަމަވެސް ހާލަތު އަދި ވެސް އޮތީ ކުރީގެ ސަރުކާރުގައި ގޯސްތަ ހެދި މެންބަރުންނަށް ކޮމިޝަންގައި ކަންކަން ފާސްކުރެވޭ ހާލަތުގައެވެ. ރިޔާސަތުގައި އާ މެންބަރަކު އިންނެވި އިރު ވޯޓުލައިގެން ކަންކަން ނިންމަންޖެހޭ ހާލަތުގައި ކޮމިޝަންގެ ރިޔާސަތަށް ވޯޓު ލެވޭނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައެވެ. އެހެން ކަމުން ކޮމިޝަންގައި ވޯޓުލާ ހާލަތުގައި އަދިވެސް ތިބީ ކުރީގެ ސަރުކާރުން ހޮވި ތިން މެންބަރުންނާއި މިހާރުގެ ސަރުކާރު އައި ފަހުން ހޮވި ތިން މެންބަރުންނެވެ. އާ މެންބަރަކު ޗުއްޓީއެއް ނަގައިފި ނަމަ ނުވަތަ ސަލާމް ބުނަންޖެހިއްޖެ ނަމަ އަދިވެސް ކޮމިޝަންގެ މެޖޯރިޓީ ނަގައި ކަންކަން ނިންމަން ކުރީގެ މެންބަރުންނަށް މާ ބޮޑު ދައްޗެއް ނެތެވެ. ހާއްސަކޮށް ކުރިން ނިންމާފައިވާ މައްސަލަތައް ރިވިއުކުރުމުގައި ކުރިން ނިންމި ގޮތް ބަދަލުކުރުމުގައި އެ މެންބަރުން ފަސްޖެހިވަޑައިގަންނަވާ އިރު ކޮމިޝަން އޮތީ ނާޒުކު ހަލަތެއްގައެވެ. އެހެން ކަމުން މޫނުތައް ބަދަލުކުރުމުގައި ވެސް މަޖިލީހުގެ ދުވެލި ވަރަށް މަޑެވެ.


ރައީސް ޔާމީންގެ އޯޑަރުތައް ބްރޯޑްކޮމްއިން ތަންފީޒުކުރައްވަމުން ގެންދިޔަ މެމްބަރުން

ބްރޯޑްކޮމް އަށް ގެންނަންޖެހޭ ހަމައެކަނި ބަދަލުތަކަކީ އެ ތަނުގައި ތިބި މެންބަރުން ކަމަށް ގަބޫލުކުރުމަކީ ވެސް ގިނަ ބަޔަކަށް ވިސްނިފައި އޮތް ނުބައި ވިސްނުމެކެވެ. ބްރޯޑްކޮމްގެ ގާނޫނަކީ 2010 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނެކެވެ. އޭރު ގާނުނު ބައްޓަންކޮށްފައި ވަނީ އަލަށް ލިބެމުން ދިޔަ މީޑިއާގެ މިނިވަންކަން ހިމާޔަތްވާނެ ހުރިހާ ގޮތެއް ވިސްނައިގެން ކަމަށް ބެލެވެއެވެ. ބްރޯޑްކޮމްގެ ގާނޫނު އެކުލަވައިލުމުގައި ވިސްނާފައި އޮތީ ސަރުކާރުން ނުވަތަ ދައުލަތުގެ މުއައްސަސާތަކުން މީޑިއާތަކަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާނެ ހުރިހާ ގޮތެއް ވިސްނައިގެންނެވެ. ޒިންމާދާރު ނޫސްވެރިކަމެއް ބިނާކުރުމަށް އެ ގާނޫނުގައި މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. ހާއްސަކޮށް ޒަމާނާއެކު އައި ބަދަލުތަކާއި މީޑިއާތައް ރަނގަޅަށް ތަސައްރަފު ފުދި، ހުދޫދުތަކުން ބޭރުވަމުންދާއިރު މިނިވަންކަމުގެ ނަމުގައި ރޮނގު ހުރަސްކުރުން ހުއްޓުވައި މަގު ދައްކައިދޭނެ ނިޒާމެއް އެ ގާނޫނުގައި ވެސް އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ވެސް ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

ކޮމިޝަނުގެ ބައެއް މެންބަރުން ބަދަލުވުމާ އެކު ގަވާއިދުތަކަށް އިސްލާހުތަކެއް ގެނައި ނަމަވެސް މުޅި މައްސަލައަށް ހައްލެއް ލިބެން އޮތީ ގާނޫނު ވެސް ބަދަލުކޮށްގެންނެވެ. މިހާރު އޮތް ގާނޫނަކީ "ދަތް ނެތް" ގާނޫނެކެވެ. މީޑިއާއަކުން ގޯހެއް ހެދިޔަސް ނަސޭހަތް ދީ މައާފަށް އެދެން އެންގުން ފިޔަވައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އަދަބަކަށްވާ ކަހަލަ ނުވަތަ ހުދޫދުން ބޭރުވާ ބްރޯޑްކާސްޓަރުން އެ ހުދޫދުގެ ތެރެއަށް ވެއްދުމަށް ކުރެވޭނެ މާ ބޮޑު ކަމެއް އެ ގާނޫނުގައި ވެސް އަދި ގަވާއިދުގައި ވެސް ނެތެވެ. ކިރިޔާ ވެސް އަދަބަކަށް އޮތީ އާމްދަނީގެ 2 ޕަސެންޓުން ޖޫރިމަނާކުރުމާއި 90 ދުވަހަށް ދުވަހަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ލައިސަންސް ހިފެހެއްޓުމެވެ. ބްރޯޑްކޮމްގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އާމްދަނީގެ 2 ޕަސެންޓުން ޖޫރިމަނާ ކުރަން ބަލާއިރު އެކަން ބިނާ ވަނީ މަލީ ރިޕޯޓްގެ މައްޗަށެވެ. ރާއްޖޭގެ ގިނަ ބްރޯޑްކާސްޓަރުންނަކީ މާ ބޮޑު އާމްދަނީއެއް ލިބޭ ތަންތަނެއް ނޫނެވެ. އަދި މާލީ ބަޔާނަކީ އެ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ވެސް އެކަށޭނަ ގޮތެއްގައި ކުރެވެން އޮތް ކަމެއް ނޫނެވެ.

ދެން އޮތީ ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓުމެވެ. ނަމަވެސް އެއީ މިނިވަން މީޑިއާއަކަށް ތާއީދުކުރާ އެއްވެސް އިންސާނަކަށް ހަޖަމްކުރެވޭނެ ކަމެއް ނޫނެވެ. މީޑިއާއެއްގައި ވަގުތީ ގޮތުން ވިޔަސް ތަޅު އެޅުވުމަކީ ދުނިޔެ ވެސް ގަބޫލުކުރާނެ ހަމައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ހާއްސަކޮށް އެފަދަ ކަމެއް ހިނގައިފި ނަމަ ދައުލަތަށް ކުރިމަތިވާނެ ޕްރެޝަރު އަންދާޒާކުރަން ވެސް ދައްޗެވެ. އެހެންކަމުން ގާނޫނު 19 ވަނަ މާއްދާގެ (ހ) އަކީ ވެސް ނަމެއްގައި އޮތް އަކުރެކެވެ.


ރާއްޖެ ޓީވީ ވެގެންދިޔައީ ބްރޯޑްކޮމްއިން ތަކުރާރުކޮށް ނުހައްގުން ޖޫރިމަނާކުރި ޓީވީ ސްޓޭޝަނަކަށް

ބްރޯޑްކޮމްއަކީ ހަމައެކަނި މީޑިއާތަކަށް ފިޔަވަޅު އަޅާ ތަނެއްގައި ގޮތުގައި ސިފަކުރަނީ ހަމައެކަނި މީޑިއާތަކަކުން ނޫނެވެ. ދައުލަތުން ވެސް މިހާތަނާ ޖެހެންދެން ވެސް ގަބޫލުކޮށްފައި އޮތީ އެ ގޮތަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ބްރޯޑްކޮމްގެ ގާނޫނުގެ ދެ ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށް ބޭނުންވާ ބަޖެޓް އެއްވެސް އަހަރެއްގައި ދީފައި ނުވުމެވެ. އާންމު ގޮތެއްގައި ދެނީ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާއި މުވައްޒަފުންގެ މުސާރަ އާއި ކިރިޔާ ތަނުގެ އިދާރީ ހިންގުމަށް ބޭނުންވާ މިންވަރަށެވެ. ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ބަޖެޓެއް އެއްވެސް އަހަރެއްގައި ދީފައި ނުވުމަކީ އެ ދާއިރާގެ ކުރިއެރުމަށް ދައުލަތުން ވެސް އިސްކަން ނުދޭ ކަމުގެ ހެއްކެކެވެ. ބްރޯޑްކޮމްގެ އިސްލާހުގެ ވާހަކަތައް ދައްކަން ސަރުކާރުގެ ސިޔާސީ ފަރާތްތަކަށް ވެސް އަދި މަޖިލީހަށާއި މެންބަރުންނަށް ވެސް ވަރަށް ފަސޭހަ ވެދާނެއެވެ. ނަމަވެސް އެ ޒިންމާ ނަންގަވައި ބޭނުންވާ ބަޖެޓް ފާސްކޮށްދިނުމުގައި ފަހަތު ފަޔަށް ބުރަނުވާ ހަމަ އެންމެ އަހަރެއް ވެސް ނުދެއެވެ. އިގްތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓިފައިވާ މި ހާލަތުގައި ކުރިއަށް އޮތް އަހަރު އިހްނަށް ވުރެ ވެސް ދަތިވާނެ ކަމަށް ބެލެވެއެވެ. ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރަން ބޭނުންވާ ބެޖެޓް ދޭން ދައުލަތަށް މި ފަހަރު ވެސް ފަސޭހައެއް ނުވާނެއެވެ. އެހެންކަމުން މި ކަމުގައި އިހްމާލު އޮތީ ހަމައެކަނި ކޮމިޝަނާއި ކޮމިޝަންގައި ތިއްބެވި މެންބަރުންގެ އެކަންޏެއް ނޫނެވެ. ސަރުކާރުގެ އިހްމާލު ވަކި ކުޑައެއް ވެސް ނޫނެވެ. ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބަލަދުވެރިއެއްގެ ގޮތުގައި އޮތް އެ މަޖިލީހުގެ ކޮމިޓީގެ އިހްމާލު ވެސް ބޮޑެވެ.

ބްރޯޑޮކޮމް އިސްލާހްކުރަން އޮތް ހަމައެކަނި މަގަކީ މެންބަރުން ބަދަލުކުރުން ނުވަތަ މީޑިއާއާ ގުޅޭ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނަސް ވަކި ކޮމިޝަނެއް އުފެއްދުން ކަމަށް ގަބޫލުކުރެވުމަކީ އެންމެ ބޮޑު ގޯހެވެ. މެންބަރުން އެކަނި ބަދަލުކުރަމުން ނުވަތަ މީޑިއާ ކޮމިޝަންގެ ނަމުގައި އާ ކޮމިޝަނެއް އުފެއްދުމަކީ މި މައްސަލައަށް އޮތް ހަމައެކަނި ހައްލެއް ނޫނެވެ. އެކަން ކަމާއެކު ހަގީގީ ހައްލެއް ބޭނުން ނަމަ މީޑިއާތަކަށް އައިސްފައިވާ ބަދަލުތަކަށް ވިސްނައި މިހާރު ރާއްޖޭގައި މީޑިއާތައް އޮތް ހާލަތަށް ރިއާޔަތްކޮށް، ގާނޫނު އިސްލާހުކުރަންޖެހެއެވެ. އެ އިސްލާހުތައް ވާންޖެހޭނީ ހަމައެކަނި މީޑިއާތައް ހިމާޔަތްކުރުމުގެ ބަދަލުގައި ޒިންމާދާރު މީޑިއާއެއް ބިނާކުރުމަށް އަމާޒުކޮށްގެން ގެނެވޭ އިސްލާހުތަކަކަށެވެ. ހަމައެއާ އެކު އެ ގާނޫނުގައި ހަމައެެކަނި ނަމެއްގައި މަގުސަދުތަކެއް ލިޔުމުގެ ބަދަލުގައި އެ މަގުސަދުތައް ހާސިލްކުރެވޭނެ ވަސީލަތާއި ބަޖެޓް ދީ އެއީ މުހިންމު ކަމެއްކަން ގަބޫލުކޮށްގެން ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަންޖެހެއެވެ. މޫނުތައް ބަދަލުކުރުމަކީ އިސްލާހުގެ ބައެކެވެ. އެއާ އެކު ކުރަން ހުރި މަސައްކަތައް އަދި ވަރަށް ގިނައެވެ. ބްރޯޑްކޮމްއަކީ އަދި ނުނިމި އޮތް އިސާލާހެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *