ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހުކުރުމަށް ހުށައެޅުމުގެ ވިސްނުން ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީއިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ.

ޖަޒީރާ ނޫހަށް މަޢުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވަނީ މިހާރު ޤާނޫނު އެންމެ އިންސާފުވެރި ނޫންކަމަށް ވިދާޅުވެފައެވެ. އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއަކީ ގިނަބައެއް މަސްއޫލުވެގެން އުފެދޭ އެއްޗަކަށްވާތީ، ޤާނޫނާ ހިލާފުވުމުން އަދަބެއްގެ ގޮތުގައި ޖޫރިމަނާކޮށް އުވާލުމުގެ ކުރިން އިތުރު ފުރުސަތެއް ދޭން ޖެހޭކަމަށް ގަބޫލުކުރާކަމަށެވެ.

ހުށަހެޅިގެންދާ އިސްލާހުތަކާއެކު، ސިޔާސީ ޕާޓީތަކުން ކޮންމެ 5 އަހަރަކުން ބާއްވަން އޮންނަ ކޮންގްރެސް އެ މުއްދަތުގައި ނުބާއްވައިފިނަމަ ސަސްޕެންޑްކުރެވޭނެއެވެ. ސަސްޕެންޑް ކުރުމަށްފަހު ދެވޭ މުއްދަތުގައި ސިޔާސީ ހަރަކާތްތައް ބޭއްވުން މަނާކުރެވޭނެއެވެ. މުއްދަތު ހަމަވުމުގެ ކުރިން ކޮންގްރެސް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުގެ މައްޗައް ލާޒިމުކަމެކެވެ.

ގެނައުމަށް ހަމަޖެހިފައިވާ އަނެއް ބޮޑު ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އީސީއިން ބަލަހައްޓާގޮތަށް ހަމަޖެއްސުމަށް ނިންމުމެވެ. މިގޮތަށް ނިންމީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށްޓަކައެވެ.

"މިހާރު އޮންނަ ގޮތަކީ ޕާޓީއައް ރަޖިސްޓްރީވާން ފޯމު ހުށަހެޅީމާ ޕާޓީގެ ދަފްތަރުގައި އެބަޖެހެވޭ. މިހެންވުމުން އެކަކު 2 ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓްރީވެގެން އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. މިކަހަލަ ކޭސް އެއް ހައިކޯޓާއި ހިސާބުންވެސް ނިމިފައި އެބަ އޮތް. މި އިސްލާހާއެކު ސިޔާސީ ޕާޓީތަކުން ރަސްމީ ބޭނުންތަކައް ބޭނުންކުރަންވާނީ އީސީއިން ބަލަހައްޓާ ދަފްތަރު." އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުން ދެވޭ ފައިސާއަކީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތައަށް ހެދުމަށްވެސް އިސްލާހު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތަކީ ދައުލަތުގެ ބަޖެޓުގެ 0.1 އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމެވެ. މި ގެނެވޭ ބަދަލާއެކު ސިޔާސީ ޕާޓީތަކައް ދޫކުރެވޭ އަދަދު ކުޑަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އީސީގެ ނައިބު ރައީސް އަކްރަމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަށް ޑްރާފްޓް ފޮނުވުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.