2013 ގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ފާހަގަ ކުރެވޭ އިންތިޚާބެކެވެ. އިސްލާހީ ހެޔޮ ބަދަލުތަކާއެކު ޤާނޫނީ ވެރިކަމެއް އިޔާދަކޮށްދިނުމުގެ ބޭނުމުގައި އެމްޑީޕީ ނިކުތްއިރު، އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޑީއާރްޕީ އިން ނުކުތީ ދީނާއި ޤައުމުގެ ދިފާއުގައެވެ. 7 އަހަރު ފަހުން އަދިވެސް އަޅުގަނޑަށް މި ފެންނަނީ ދީނާއި ޤައުމުގެ ނިވާފަތްގަޑަކަށް ބޭނުންކޮށްގެން ވެރިކަމުގެ ދަހިވެތިކަމުގައި ހަމަ އެބައިމީހުން އުޅޭތަނެވެ. ފަހަރުގައި ދިވެހީންނަކީ ހަނދާން ދެރަ ބަޔަކު ކަމުގައި ހީކުރަނީ ކަމަށްވެސް ވެދާނެއެވެ. މައްސަލައެއްނެތެވެ. ހަދާން ކޮށްދިނުމުގެ މަސްއޫލިއްޔަތު މިހިނދަށް އަޅުގަނޑު އުފުލަފާނަމެވެ. އަމިއްލަ ސިކުނޑިން ކިރާ މިނާބަޔަކަށް އިބުރަތަކަށެވެ. ހަމަކަށަވަރުން ފާޅު މިކުރާ ޝުޢޫރުތަކާއި ހިތުގެ އިޚްލާސްތެރިކަމުގެ މައްޗަށް ހުރިހާ ކަމެއްވެސް ދެކެ ދެނެވޮޑިގަންނަވާ މާތްﷲ ހެކޮވެވޮޑިގެންވެއެވެ.

ފެތުރީ ހަރުކަށި ފިކުރު

މިއަދު އިސްލާމްދީނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ޤައުމުތަކާއި އެހެން ދީންތައް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކޮށްފާނެއެވެ. ފަހަރުގައިވެސް އެއީ ހަގީގަތެއްނޫނެވެ. އިސްލާމް ދީނަކީ އާޑަ ފުރައްސާރަ ތާއަބަދަށް ރައްދުވާ ދީނަކަށް ހެދީ، އިސްލާމްދީނުގެ ނަމުގައި ޤުރުއާނާއި ސުންނަތް އޮޅުވާލައި އެހެން އިންސާނުންގެ ލޭ ހުއްދަކުރި ޖަމާޢަތްތަކެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ދިވެހި ފުލުހުންތަކެއް ރަހީނުކޮށް ބިރުވެރިކަން އުފެއްދީ ހަމަ މިފަދަ ޖަމާޢަތެކެވެ. ޔާމީންގެ 5 އަހަރު ވެގެންދިޔައީ މި ޖަމާޢަތްތަކަށް އައި ޢީދަކަށެވެ. ކުޑަ އަންހެން ކުދިން ތަޢުލީމު އުނގެނުމުން މަހުރޫމު ކުރީއެވެ. ޝަރުއީ ކޯޓުތަކުގެ ބޭރުން ކުޑަ ކުދިންނާއި "ކައިވެނިކުރުން" އާންމުވީއެވެ. ދީނުގެ ނަމުގައި އިސްލާމީ ޝަރީއަތާ ހިލާފަށް ރައްޔިތުންތަކެއް ގަތުލުކުރީއެވެ. ޖިހާދުގެ ނަމުގައި ޒުވާނުންތަކެއް އައުމެއްނެތް ވުޖޫދަކަށް ފޮނުވާލީއެވެ. މާތް ވެގެންވާ އިސްލާމްދީނަށް ހުތުރު އަރުވަން ހިންގިހާ އަމަލުތަކަށް ވާގަވެރިވީ ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނިކުތް މި ބައިގަނޑެވެ.

އެއީ ފަސްމަންޒަރެވެ. މިހާރަށް ބަލައިލަމާތޯއެވެ. ބަހާއި އަމަލާއި ދިމާވަނީ ކިހާވަރަކަށްހެއްޔެވެ. ތިމާގެ މުސްލިމް އަޚުން ދީނުން ބޭރުކުރުމަކީ ކިހާ ނުބައިވެގެންވާ އަމަލެއްކަން އަޅުގަނޑު ކިޔައިދޭކަށް ނުޖެހޭނެއެވެ. އެހެނަސް، ބަޔަކު މީހުން ލާދީނީ ޓެގު އަޅުވަނީ ރަސޫލާގެ ހަދީޘް ބަސްފުޅު ހަނދުމަ ނެތީމަތޯ ނުވަތަ ޖާހިލުކަމާ މުނާފިޤު ކަމުންތޯ ބަލައިލުމަކީ ރައްޔިތުންގެ ވާޖިބެކެވެ. ދެންއޮތީ ދައުލަތުން ފައިސާނަންގަވަމުން، ދިވެހި ރައްޔިތުންގެ ލޭ އޮހޮރައިގެން ގަދަބަދަވިކަމުން ވެރިކަމަށް އަންނަން ބޭނުންވާކަމަށް ބުނާ މީހެކެވެ. ފަހަރުގައި ރަހަފޮނިކަން ވެރިކަމުގެ ފެނި އޭގެ މަސްތުގައިޖެހި "ތައުލީމުއް ދިޔާނާ" ހަނދާން ނެތުނީ ކަމަށްވެސް ވެދާނެއެވެ. ހާދަހަވާ ނުބައި މުނާފިގެކެވެ.

ދީން ހިމާޔަތްކުރަންވީ ބޭރު ޤައުމުތަކާއި އެހެންދީންތަކުގެ ނުފޫޒުން އެކަންޔެއް ނޫނެވެ. ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތް ކުރުމަކީ ދީނީ ބޮޑުވެގެންވާ ޖިހާދެކެވެ. ކުޑަ ކުދިންނަށް އުނގަންނައި ދިނުމަކީ މަޖުބޫރު ކަމަކަށް ހަދަން މަސައްކަތް ކުރަނީ މި ސަރުކާރުންނެވެ. އިންސާނުންގެ ލޭ ހުއްދަ ކުރާ މީހުން ހިފަހައްޓަނީ މި ސަރުކާރުންނެވެ. ހަރުކަށި ފިކުރު ނައްތާލުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ތައްޔާރުކުރަމުން ދަނީ މި ސަރުކާރުންނެވެ. ޝައްކެނެތެވެ. ފާޑު ފާޑު ވާހަކަދައްކައި މި ކަންތައްތައް ފޮރުވަން މަސައްކަތްކުރާނެއެވެ.

ތަބަކަށްލާ ވިއްކާލީ ޤައުމު

ޤައުމު ވިއްކާލުމާ ދެކޮޅަށް މުޒާހަރާ ކުރަން މިބައިމީހުން ލަދު ނުގަންނާތީ އަޅުގަނޑު ހަމަ ހައިރާންވެއެވެ. ވީ ކަންތައްތައް ނުވާ ކަންތައްތަކައް ހަދައިގެން އުޅޭތީ ހަނދާންކޮށްދެމެވެ. ކަނޑުން ނާއްޓަކަށް ފެންނަގާ އޭގެ ބަރުދަނަށް ވާ ރިއްސަށް މުޅި ފ.އަތޮޅު ވިއްކާލަން އުޅުނީ ކޮން ބައެއްކަން ނޭނގޭ ނޫކަށިފުރައިގެ ދިވެއްސެއް ނެތެވެ. ދިވެހީންގެ ވާރުތަމުދާ، ދިވެހި ބިން ބޭރުގެ ބަޔަކަށް މިލްކު ކުރެވޭނޭ ގޮތަށް ޤާނޫނު ހަދަން މަޖިލީހަށް ނުދާކަމަކަށް ނުހެދޭނެއެވެ. ފަސްމަޑު ޚާރިޖީ ސިޔާސަތުގައި ދެ ޤައުމަކުން ނުދުވާކަމަކަށްވެސް ނުވާނެއެވެ. ބޭރުގެ އެހީތައް މަދުވެ ދުނިޔޭގެ ޗާޓުން ބޭރުކޮށް އެއްކިބާ ކޮށްލީ އެހެންވެ ނޫންތޯއެވެ. އެއް ބައެއްގެ އަތުން ލޯނުތައް ނަގައި ޤައުމު ދަރަނީގެ ދަންތުރައެއްގައި ޖެއްސީ ޤައުމަށް ކޮންފައިދާއެއް ވާތީތޯއެވެ. ފަހަރުގައި ކީހާ ޅެން ފަރިއްސަށްވީ ކަމަށް ވެދާނެއެވެ. ޤައްދާރުން ނޫން ދެން ދޭނޭ އިތުރު ލަގަބެއް ނެތެވެ. ހުއްބުލްވަޠަންގެ ލޯބީގެ ކަންފުޅެއްވެސް ނެތީތާއެވެ.

ނުވާކަންތައް ވީކަންތައްތައް ކަމަށް ދައްކަން އުޅޭތީ ބުނަމެވެ. ރެޒިޑެންސީ ވިސާ އޮތުމަކީ ދިވެހި ރައްޔިތަކަށް ވުމެއްނޫނެވެ. ވޯޓުލުމުގެ ހައްޤު އެމީހުންނަށް ލިބޭނޭއެއްވެސް ހަމައެއްނެތެވެ. އަގުބޮޑު ވިލާތައް ގަނެފައި ހުރުމަކީ ޤައުމަށް ވެރިވެވޭނޭ ގޮތެއް ނޫންކަން ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކުމެ ދަންނާނެއެވެ. ފަހަރުގައި ދިވެހި ރައްޔިތުންނަށް ނޭނގުނު ކަމުގައިވިޔަސް، ދިގު މުއްދަތައް ވިލާތައް ކުއްޔަށް ދިނުމަކީ ރިސޯޓު ތަކުން މިހާރުވެސް ކުރާކަމެކެވެ. ތަފާތަކީ މި ހެޔޮ ބަދަލާއެކު ދައުލަތައް ވަންނަ ފައިސާ އިތުރުވާނޭކަމެވެ. ހަގީގަތުގައި އިދިކޮޅުން ދެކޮޅުވެރިވަނީ މިކަމާކަމަށްވުންވެސް އެކަށީގެންވެއެވެ. ފަހަރުގައި މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނީމާ އަނދިރިއަނދިރިންވެސް ތިމަންނާއަކީ ދިވެހި ފަސްގަނޑަށް ހެޔޮއެދޭ މީހެކޭ ބުނެފާނެއެވެ. އެބަހަށް ހެއްލޭނޭ ދިވެއްސެއް ނުހުންނާނެއެވެ.

ނިގުޅައިގަތީ މިނިވަންކަން

މިނިވަންކަމަކީ އަތްލެވޭ އެއްޗެއްނޫނެވެ. އެއީ ކުރެވޭ އިޙުސާސެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ބަޔަކު ފޭރިގަންނަން އުޅޭކަމަށްދައްކަން އިދިކޮޅުން ކެނޑިނޭޅި މަސައްކަތް ކުރިއަސް މިހާރަށްވުރެ މިނިވަންކަމުގެ އިހުސާސް އިތުރަކަށް ދެނެއް ނުކުރެވޭނެއެވެ. ވާނީވެސް އެހެންތާއެވެ. އަޅުވެތިކަމުގެ ހިތިރަހަ ދެކެފައިވާ ބަޔަކަށް މިނިވަންކަމުގެ ފޮނިރަހަ މާބޮޑަށްވެސް އެނގޭނެއެވެ. މިނިވަންކަން ފޭރިގަންނަނީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ވެރިވެގެން އެކަންޔެއް ނޫނެވެ. ޤައުމުގު ވެރިމީހާއަކީ ރުންކުރު މީހަކަށް ވެއްޖެކަމުގައިވާނަމަ އޭގެ ވޭނާއި ހިތިކަން ރައްޔިތުން ދޭކޭނެއެވެ.

ރައްޔިތުންގެ ބަސްބުނުމުގު ހައްގު ނިގުޅައިގަނެ ގަންނަވައިލާނެއެވެ. ވަޒީފާގެ ބިރުދައްކައި ރައްޔިތުން ކުޑަކަކޫ މައްޗައް ތިރިކޮށްލާނެއެވެ. މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަކީ ފުލޯކު ވާހަކައަކަށް ހަދައިލާނެއެވެ. މިފަދަ ވެރިކަމެއް މާދުރުނޫން މާޒީއެއްގައި ދިވެހިން ނުދެކެމުތޯއެވެ. ފަހަރުގެ މިވާހަކަ އެތެރެ ކޮއިލުގައި ތިބި ބޭބޭފުޅުންނަށް ފަހުމު ނުކުރެވިދާނެއެވެ. ހަގީގީ މިނިވަންކަމަކީ ކޮބައިކަން އެބޭފުޅުންނަށް ނޭނގި ދާނެއެވެ. ހަނދާން ކުރާށެވެ: "އެހެން މީހުންގެ މިނިވަންކަމާއިމެދު ޝައްކާއި ވަހުމުގެ ލޮލުން ބަލާ މީހާއަކީ މިނިވަންކަމުގެ މޭވާގެ ފޮނިރަހަ އެހެން މީހުންނަށް ނުދިނުމަށް ބަލާމީހާއެވެ."

އިދިކޮޅުން އެއް ކުޅިއެއް ކުޅޭތާ މިހާރު 7 އަހަރު ވީއެވެ. ކުޅި ހިނގާ މަގު ނިކަން ރަނގަޅަށް ރައްޔިތުންނަށް ދަސްވެއްޖެއެވެ. ދެން ހަމަ ހިލާ ތި ހަރަކުން ކައްޓެއް ނުހެރޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *