ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ގޮސް ކިއުގައި އެތައް އިރަކު ތިބެން ޖެހޭ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިންގެ އިންތިޒާމްތައް ހުރި ގޮތުން ވަރަށް ގިނަ ފަރާތްތަކަށް ދަތިކަން ކުރިމަތި ވެފައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވެކްސިންގެ ކަންކަން އިންތިޒާމް ކުރާ އޮޕަރޭޝަންސް ޓީމުން، އެ ދަތިތައް ހައްލު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މިއީ ރަމަޟާން މަސް ކަމަށް ވުމާއެކު ވެސް ދަތިތަކެއް ކުރިމަތިވެފައި ވާ ކަމަށެވެ. އެގޮތުން ވަގުތުގެ ދަތިކަން ހުރި ކަން ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ވެކްސިން ޖަހަން ގޮސް ގިނަ އިރު ވަންދެން ކިއުގައި ތިބެން ޖެހޭ މައްސަލަ ބޮޑު ވެފައިވާއިރު، ވަކި ބަޔަކަށް ކިއުގައި ނުޖެހި ވެކްސިން ޖެހޭ ކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ، ވަކި ބަޔަކަށް ވީތީ ކިއުގައި ނުޖެހި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައި ވާ ކަން އެނގިފައި ނުވާ ކަމަށެވެ.

ހަމައެއާއެކު، ވެކްސިން ޖަހަން ގޮސް ތިބޭ 60 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިން ސެންޓަރުތަކުން އިސްކަން ދޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި އެ ފަރާތްތަކުން ކިއުގައި ނުޖެހި، ވެކްސިން ސެންޓަރުތަކުގައި ތިބޭ ފަރާތްތަކާ ވާހަކަ ދެއްކުމުން، އެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.