މިހިނގާ އެޕްރީލް މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ބާތިލްކަމަށް ކަނޑައެޅި ގޮތާއިމެދު ހިތްހަމަނުޖެހި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ޖަޒީރާއަށް އެނގިފައިވާގޮތުގައި އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު، އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން ބޭއްވި އެމްޑީޕީގެ ސެކެރެޓޭޓްގެ ބައްދަލުވުމުގައި އެވެ. ނަމަވެސް ކޯޓަށް މައްސަލަ ވައްދާނެ ވަކި ތާރީހެއް ނިންމާފައެއް ނުވެ އެވެ.

"މާދަމާވެސް ކޯޓަށް މައްސަލަ ވައްދަފާނެ" ޖަޒީރާ އާއި މައުލޫމަތު ހިއްސާކުރި ފަރާތުން ބުންޏެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާގެ ގޮތުގައި ހުށަހެޅި މާލޭގެ ހަ ދާއިރާގެ ވޯޓު ފޮށީގެ މައްސަލަ އެވެ. އެއީ މެދު ހެންވޭރު ދާއިރާ, ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ އެވެ.

ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި އޮތް ގޮތް އިލެކްޝަންސް ކޮމިޝަނުން ގާނޫނުގެ މަފްހޫމާއި ޚިލާފަށް މާނަކޮށް ވޯޓްތަކެއް ބާތިލުކޮށްފައިވާ ކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ.

އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ކަރުދާހުގައި ކިތަންމެ ގިނަ ވޯޓެއް ހުރިކަމުގައި ވީނަމަވެސް، ވަކި ވޯޓެއް ޞައްޙަވުމުގައި ފުރިހަމަވާންޖެހޭކަމަށް ޤާނޫނުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާނަމަ އެ ކޯޓެއް ޞައްޙަވާނެކަމަށެވެ. އަދި އެ ކަރުދާހުގައި އޮންނަ އެހެން ވޯޓެއްގައި މީހަކު ކުރަހާ ކުރެހުމަކުން ނުވަތަ ލިޔާ ލިޔުމަކުން ބާކީހުރި ވޯޓުތައް ބާޠިލްކަމަށް ކަނޑައެޅުން ޤާނޫނާއި ޚިލާފްކަމަށްދެކޭކަމަށް އެމްޑީޕީން ބުންޏެވެ.

"އެހެނީ ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި ޢަމަލުކުރަންވީ ގޮތް ކަނޑައަޅާދީފައިވާ މައިގަނޑު ޤާނޫނުތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަދި ޤަވާއިދު ނަންބަރު R48/2010 (އިންތިޚާބުތަކާބެހޭ ޢާންމު ޤަވާޢިދު) އަދި ޤަވާޢިދު ނަންބަރު 6/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) ގައިވެސް ވޯޓު ބާޠިލްވާ ސަބަބެއްގެ ގޮތުގައި އެހެން ވޯޓެއްގައި މީހަކު ކުރަހާ ކުރެހުން ނުވަތަ ލިޔާ ލިޔުން ނުވަތަ ޖަހާ ފާހަގައެއް ބަލާނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ." އެމްޑީޕީން ހުށަހެޅި މައްސަލާގައިވެއެވެ.

އެމްޑީޕީން ހުށަހެޅި ޝަކުވާގެ އެ މައްސަލާގައި އިތުރަށް ބުނެފައިވަނީ ޤާނޫނަކުން ދީފައިވާ ބާރެއް ޤަވާޢިދަކުން ހަނި ކުރުމަކީ ކުރެވޭނެ ކަމަކަށް ނޫންކަމަށެވެ. އަދި ގިނަ ވޯޓު ހިމެނޭ އެއް ކަރުދާހެއްގައި، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ދީފައިވާ ސައްހަ ވޯޓެއް، އެ ކަރުދާހުގައި އޮންނަ އެހެން ވޯޓެއްގައި އޮންނަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ ފާހަގައެއްގެ ސަބަބުން ގެއްލުވާލުމަކީ ޤާނޫނު އަސާސީއާއި، ޚިލާފު ކަމެއްކަމަށް މައްސަލާގައި ބުނެފައިވެއެވެ.

ވޯޓުދިނުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއްކަން ފާހަގަކޮށް އެމްޑީޕީން ބުނެފައިވަނީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ ހަނި ނުކުރެވޭނެކަމަށެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އަދި މަލޭގެ މެޖޯރިޓީ ލިިބިފައިވަނީ އިދިކޮޅު ޕީޕީއެމްއަށެވެ. ނަމަވެސް މި ހަަ ފޮށީގެ ނަތީޖައަށް ބަދަލުތަކެއް ގެނެސްފިނަމަ، އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.