ކޮވިޑް-19އާ ގުޅިގެން އެންސްޕާ އަދި އާސަންދައިން ހަރަދުކުރި ގޮތުގައި ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފިއެވެ. 

އާސަންދައިންނާއި އެންސްޕާއިން ކޮވިޑާ ގުޅިގެން ހަރަދުކޮށްފައިވަނީ މީހުން ބޭސްފަރުވާއަށް ގެންދިޔުމަށާއި ބޭސްފަރުވާއަށް ގޮސް ތިއްބައި ގައުމުތަކުގައި ތާށިވި މީހުންނަށާއި އެމީހުން ރާއްޖެ ގެނައުމަށެވެ. 

ކޮވިޑާ ގުޅިގެން އާސަންދައިން ވަނީ 83,315,122 ހަރަދުކުރަން ކަނޑައަޅާފައެވެ. އޭގެ ތެރެއިން ހަރަދުކުރީ 14,838,341 ރުފިޔާއެވެ. 

އެ ހަރަދުތައް ކުރުމުގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާކަން އޮޑިޓްގައިވެއެވެ. އެގޮތުން ރާއްޖެ އެނބުރި އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ ހޯދާފައި ނުވާތީ ވަކިވަކި މީހުންނަށް ފައިސާގެ އެހީ ދޭން ފަށަން ޖެހޭ ތާރީހު ކަށަވަރު ކުރެވިފައިނުވާކަމަށް ރިޕޯޓްގައިވެއެވެ. 

އަދި، 26 މީހަކަށް 157،284 ރުފިޔާ އެންސްޕާއިން ހަރަދުކޮށްފައި ވަނީ ޓިކެޓްގެ ކޮޕީ ހޯދުމާ ނުލައި ކަމަށް ވެސް އޮޑިޓްގައިވެއެވެ. ބައެއް މީހުންނަށް ދޭން ޖެހޭ ރޭޓަށްވުރެ އިތުރަށް ވެސް ދީފައިވާ ކަމަށާއި އެއް މީހަކަށް ދެ މުއައްސަސާއަކުން ވެސް ފައިސާ ހަރަދުކޮށްފައިވާ ކަަމަށް އޮޑިޓްގައިވެއެވެ. 

އޭގެއިތުރުން މީހަކު މަރުވި ފަހުން ވެސް އެމީހަކަށް އެހީގެ ގޮތުގައި ފައިސާ އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ. އެހެންވެ، މިއީ ދައުލަތުން ކުރަން ނުޖެހޭ ހަރަދުތަކަށްވާއިރު މިއީ އިހުމާލަކުން ހިނގާފައިވާ ކަމެއް ކަމަށްވާނަމަ އެކަމުގައި ބައިވެރިވާ މީހުން ޒިންމާ ނަގަން ޖެހޭނެ ކަަމަށް އޮޑިޓްގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.