މާލެ ނޫން އެހެން ގޮތެއް ހޯދަންޖެހެއެވެ. މިއީ ދެބަސް ވެވެން ނެތް ޙަގީގަތަކެއެވެ. މި ވާހަކަ ދައްކާތާ ވަރަށް ޒަމާން ވެއްޖެއެވެ. އަޑުން އަޑު ނަގައެވެ. އެހެންމެ ގިނައިން ދައްކަނީ އަތޮޅެރޭގެ ރައްޔިތުންނެވެ. އެމީހުން އެ ވާހަކަ ދައްކަން ޙައްގެވެ. އިނގިލިން ގުނަން ވެއްޖެނަމަ ސަބަބު ވަރަށް ގިނައެވެ. އަސާސީ އެތަށް ޙިދުމަތްތަކަކުން މަޙްރޫމްވެގެން ދިރިއުޅެން ޖެހިފައިވުމުންނެވެ. އެހެންނަމަވެސް އަތޮޅުތެރެ ތަރައްގީ ކުރެވޭނީ ރަށު ރައްޔިތުން ބޯހަރު ވިސްނުން ދޫކޮށްލައިގެންނެވެ. އަވަށު ވާދަވެރިކަމާއި ރަށު ވާދަވެރިކަމަކީ އަތޮޅުތެރޭގެ ތަރައްގީއަށް އޮތް ހުރަހަކަށްވުން މިއަދު ވަރަށް ގާތެއެވެ. އެއީ ފެނިގެންދާ ގޮތް ދޫނުކުރުމުގެ އަމަލުތަކުންނެވެ.

މި ވާހަކަ މާ ދުރުން ފެށުމެއް ނެތެވެ. ހޯމަ ދުވަހު ގދ އަތޮޅުން ފެނިގެން ދިޔަ މަންޒަރުން ފަށާނަމެވެ. އަތޮޅުތެރޭގެ ރައްޔިތުން ސިއްހީ ފަރުވާއަށް މާލެ އަންނަން ޖެހޭ ވާހަކަ އަސާރާއެކު ދައްކައެވެ. ކުލި ކޮޓަރީގައި ހުންނަން ބޮޑު އަގުގައި ޓިކެޓް ނަގައިގެން އަނަންޖެހޭ ވާހަކައެވެ. ސަރުކާރަކަށް ފަހު ސަރުކާރަކެވެ. ކޮންމެ ރައްޔިތަކަށް ޑޮކްޓަރެއް ބަހައްޓާނެ ކަމުގެ ވައުދުވެސް ވިއެވެ. ވައުދަކަށް ފަހު ވައުދަކެއެވެ.

ނިމިދިޔަ ސަރުކާރުތަކުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މާ ބޮޑު ސަމާލުކަމެއްވެސް ދީފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީއެއް ވައުދަކީ އަތޮޅުތެރޭގެ ފަސް ރަށެއްގައި ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލް ގާއިމްކުރުމެއެވެ. މި ވައުދު ފުއްދުމަށް އެތަކެއް މަސައްކަތްތަކެއް ސަރުކާރުން އެބަ ކުރެއެވެ. ކޮވިޑްގެ ފުރަ ބަންދުގައި މާލެ ނާދެވޭނެ ގޮތަށް ކަނޑައެޅުމުން އަތޮޅު ތެރޭގެ ފަސް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެގެން ދިޔައެވެ. ކ. އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއަށް ކުޅުދުފުއްޓަށް ދާންޖެހިދާނެ ކަމަށް ހިޔާލަށްވެސް މީގެ ކުރިން ނުގެނެވެ. މަޖުބޫރު ޙާލަތެއްގައި ދާންޖެހުނުކަމުގައި ވިއަސް، ކުޅުދުފުށްޓާ، އުނގޫފާރު ހޮސްޕިޓަލާއި، ގަމު ރީޖަނަލް ހޮސްޕިޓަލާއި، އަދި އަބްދުލް ސްމަދު މެމޯރިއަލް ހޮސްޕިޓަލަށް ދިއުމުން ޙިދުމަތްތައް ރަނގަޅުކަމަށް ބުނެއެވެ. ވަސީލަތްތައް ތަނަވަސް ވަމުންދާކަން ގަބޫލުކުރެއެވެ. މިއީ ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްކުރާ ހޮސްޕިޓަލްތަކަށް ވުމުންނެވެ. ބަދަލު ފެންނާތީއެވެ.

އެހެންނަމަވެސް އަތޮޅުތެރޭގެ ރައްޔިތުން ވެސް ގަބޫލުކުރަންޖެހޭ ޙަގީގަތެއް ވެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 183 ރަށް އޮންނަ އިރު ކޮންމެ ރަށެގައި ހޮސްޕިޓަލެއް ގާއިމްކޮށް، އެމްއާރުއައި މެޝިން ސަރުކާރަށް ނުބެހެއްޓޭނެ ކަމައެވެ. ސީޓީ ސްކޭން ނެހެދޭ ހޮސްޕިޓަލަކީ ބޭކާރު ހޮސްޕިޓަލެއް ގޮތުގައި ބަލައިގެން ވެސް ނުވާނެއެވެ. އެހެންނަމަވެސް މިއަދު ސަރުކާރުން ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރާއިރު، އެ ފަސް ހޮސްޕިޓަލް ތަރައްގީކުރާ އަތޮޅުގެ ރައްޔިތުން ޝަކުވާ މާބޮޑެއެވެ. ވަކި ރަށެއްގައި ހޮސްޕިޓަލް ފެންވަރު ރަނގަޅުކުރާތީއެވެ. ޝަކުވާ ކުރާއިރު، އެ އަތޮޅުގައި ހުންނަ ހޮސްޕިޓަލަކަށް ދިއުމަށްވުރެ، މާލެ ދާން މާ އުނދަގޫވާނެ ކަމެއް ހަނދާވެސް ނުހުންނަ ކަހަލެއެވެ.

މިސާލަކަށް ގއ. އަތޮޅަށް ބަލާލާނެމެވެ. ތިނަދޫ އަބްދުލް ސްމަދު މެމޯރިއަލް ހޮސްޕިޓަލް އަކީ ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއް ހޮސްޕިޓަލެއެވެ. މިކަމާއި އެ އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެހާ ބޮޑެއެވެ. ވިލިގިނލީ މީހުން ބުނާ ގޮތުން ތަރައްގީކުރަންޖެހޭނީ އެ އަތޮޅުގެ ހޮސްޕިޓަލެއެވެ. އެހެން ރަށްތަކުގެ މީހުން ގަބޫލުކުރާ ގޮތުގައި އެ ރަށެއްގެ ހޮސްޕިޓަލެވެ. ރަށު ވާދަވެރިކަމުގައި ސަރަހައްދީ ތަރައްގީއަށް ހުރަސް އެޅި ސަރުކާރުގެ ސިޔާސަތުތަށް ބަދަލުކުރަން ރައްޔިތުން މަޖުބޫރުކުރުވައެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލުގައި ކޮވިޑް ފެސިލިޓީތައް ގާއިމްކުރަން ނިންމިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ، ރަށު ވާދަވެރިކަމާއި އެއް ރަށަކަށް މާގިނަ ކަންތަށް ކޮށްދޭކަމަށް ޝަކުވާކޮށް ސަރުކާރަށް ސިޔާސަތު ވެސް ބަދަލުކުރަން ޖެހިފައި އެބަހުއްޓެއެވެ. ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމުގެ ބަދަލުގައި ވިލިނގިލީގައި ގާއިމްކުރުމަކީ ވެސް މިކަހަލަ ކަމެއް ކަމަށް ބުނެއުޅެއެވެ. ކޮވިޑް ފެސިލިޓީ ވަކި ރަށެއްގައި ގާއިމްކުރާތީ މަޖިލީސް މެމްބަރުންވެސް ބަހުސްކޮށް، ޝަކުވާކުރެއެވެ. އަތޮޅުން އެކަން ކުރެވޭގޮތް ވުމަށްވުރެ އެމީހެއްގެ ދާއިރާގައި ފެސިލިޓީ ބެހެއްޓުމަށެވެ. ސަރުކާރުން ފަސް ސަރައްދެއް ތަރައްގީކުރަން ބަޖެޓްގައި ކަނޑައަޅާ، ގިނަ ކަންކަން ހިމެނުމުން ވެސް، އަތޮޅު ވާދަވެރިކަމުގައި ސަރުކާރުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ކަންކަން މަޑުޖައްސާލަން ނުވަތަ ރަށުގެ ނިސްބަތަށް ބަހާލަން ވެސް މަޖުބޫރުކުރެއެވެ. ރަށު ރައްޔިތުންގެ ބޯހަރުކަމުންނެވެ.

ކޮވިޑްއަށް ގދ ތިނަދޫން މީހަކު ޕޮސްޓިވްވެގެން އެ އަތޮޅު ކޮވިޑް ފެސިލިޓީ ހުންނަ، ވިލިނގިއްޔަށް ގެންދަން މަސައްކަތް ކުރުމުން ވެސް ބޯހަރު ވިސްނުން އިސްކުރިއެވެ. އަތޮޅުގެ ރައްޔިތުންނަށް ވިލިނގިލީގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ ވެސް ވެގެންދިޔައީ ރަށު ރައްޔިތުންގެ ތަރިކަ މުދަލަކަށެވެ. ވިލިނގިލީގެ ބައެއް ރައްޔިތުންނަށް އެއީ ކޮވިޑް ޖެހިގެން ފަރުވާއަށް މާލެ ނާދެ އެ ސަރަހައްދުގެ ރައްޔިތުންނަށް ފަރުވާ ހޯދަން ސަރުކާރުން ބޮޑު ޙަރަދުކޮށްފަ ގާއިމްކުރި ތަނެއް ކަމެއް ހަނދާނެެއް ވެސް ނެތެއެވެ.

ތިނަދޫއިން ޕޮސެޓިވް މީހާ ވިލިނގިލިއަށް އެރުވިޔަ ނުދިނެވެ. ބަލި މީހާ ވިލިނގިލީ ބަނދަރުގައި އެތައް ގަޑިއިރެއް އޮންނަން ޖެހުނީ ވިލިގިނލީގެ ބައެއް ރައްޔިތުންގެ އިންސާނިތްޔަތުކަން ވެސް ނެތުމުނެވެ. ބޯހަރުކަމުންނެވެ. ނަތީޖާއަކަށްވީ ރަށު ވާދަވެރިކަމުގައި ރައްޔިތުން ދެ ބަސްވެ، ނަފުރަތު އުފެދުމެވެ. އެންމެ ފަހުން އަތޮޅުގެ ކޮވިޑް ފެސިލިޓީއަށް އަތޮޅުގެ ދަރިއަކަށް ފަރުވާ ނުދެވިގެން މާލެ ގެންނަށް ޖެހުނެވެ. ބޭސްފަރުވާއަށެވެ. މާލެ ނޫންގޮތެއް އަތޮޅު ތެރޭގެ ރައްޔިތުންނަށް ހޯދަދިނުމަށްޓަކައި، އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ފެސިލިޓީތަށް ގާއިމްކުރުން ވެސް ބޭކާރުވެގެން ދިޔައެވެ.

މިކަމާއި މެދު ވިސްނާލުމުން ސަރުކާރުން ސަރަހައްދީ ތަރައްގީގެނަން އެންމެ ބޮޑު ހުރަހެއް ކުރިމަތިކުރުވަނީ އަތޮޅުތެރޭ ރައްޔިތުންނޭ ވެސް ބުނެވިދާނެއެވެ. އެމީހުންގެ ބޯހަރު ވިސްނުމުގެ ސަބަބުންނެވެ. އަދި ސަރުކާރަށް އަތޮޅުތެރޭގެ ރަށްތައް އަދި ސަރަހައްދީ ފަސް ސަރަހައްދު ތަރައްގީކުރުމަށް އެންމެ ބޮޑަށް ވަކާލާތު ވެސް ކުރަނީ އަތޮޅުތެރޭގެ ރައްޔިތުންނެވެ. މިއީ ހެޔޮނިޔަތަކުން ސަރުކާރުން މިއަދު ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން މަސައްކަތް ކުރަން ފެށުމުން، ރަށު ރައްޔިތުންގެ ފަރާތުން ކުރިމަތިވާ ގޮންޖެހުންތަކެއެވެ. މި ގޮންޖެހުންތަކަށް އޮތް ހައްލަކީ ބޯހަރު ވިސްނުން ދޫކޮށްލުމެއެވެ. ސަރަހައްދީ ތަރައްގީއަށް މަރުޙަބާ ކިޔުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *