ސިޔާސީ ގޮތުން ހެޔޮއެދޭ އެކި ފަރާތްތަކުން ފައިސާ ދެއްވާ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލް ހާމަ ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ. 

އެމަނިކުފާނަށް ލިބޭ ފައިސާއަކީ ސިޔާސީ ގޮތުން ލިބޭ ފައިސާ ކަމާއި އެ ފައިސާތައް ބަލެހެއްޓެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވެއެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް މިލިއަން ޑޮލަރު ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ކަމަށެވެ. 

އެކަމާ ގުޅިގެން މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު މުހައްމަދު ނިޔާޒު ރައީސް ޔާމީންއާ ސުވާލު ކުރެއްވިއެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ އެ ވާހަކަައަށް ރިއާޔަތް ކުރެވޭނީ އޭގެ ތަފްސީލް ވިދާޅުވުމުން ކަމަށެވެ. 

ނަމަވެސް މިއަދު ރައީސް ޔާމީން އެއަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ރައީސް ޔާމީން ތަކުރާރު ކުރެއްވީ ކުރިން ވެސް ދައްކަވާފައިވާ ވާހަކަފުޅެވެ. އެގޮތުން އެމަނިކުފާނުގެ ފައިސާ ބެލެހެއްޓެވީ އަދީބު ކަމާއި ފަސް މިލިއަން ޑޮލަރާ ހަވާލުވާން ވަޑައިގެންނެވީ ވެސް އަދީބު ކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީންއަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުގައި ވަނީ ނިންމާލާފައެވެ. ދެން މި މައްސަލާގައި އޮންނާނީ ހުކުމް އިއްވުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.