ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކާއި ޚިލާފަށް ހުކުރު ދުވަހު ބޭއްވި އެއްވުމާއި ގުޅިގެން ޕީޕީއެމްއާއި ޕީއެންސީގެ އިސްފަރާތްތަކަކަށް އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި މުހައްމަދު ނިމާލު އަދި އިބްރާހިމް ޝުޖާއުއެވެ.

މީގެއިތުރުން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޒާރު ދީފައެވެ. އަދި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގަށް ވެސް ކޮމިޝަނުން ވަނީ އިންޒާރު ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ބޭއްވި ސިޔާސީ ހަރަކާތުގައި ސިޔާސީ ޕާޓީއެއްގެ އިސް މަގާމުތަކެއްގައި ތިބެ މި ބޭފުޅުން ވަނީ ކޮވިޑް19 ބަލިމަޑުކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް އަމަލުކޮށްފައެވެ.

އެކަން ފާހަގަކޮށް ކޮމިޝަނުން ވަނީ މި ބޭފުޅުންނަށް ނަސޭހަތްތެރިވެ، މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީގެ މަގާމަކަށް އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ މީހަކު ނުވަތަ ރާއްޖޭގައި ބޭއްވޭ އިންތިހާބަކުން ޕާޓީގެ ނަމުގައި ކުރިމަތިލާފައިވާ މީހަކު ނުވަތަ ޕާޓީގެ ނަމުގައި އިންތިހާބެއް ކާމިޔާބުކޮށްފައިވާ މީހަކު ގާނޫނު އަސާސީއާއި ގާނޫނާ ޚިލާފަށް ކަންކަން ކޮށްގެން ނުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *