ގދ. ތިނަދުގައި ކޮވިޑް-19 އަށް ފަރުވާ ދެވޭ ފެސިލިޓީއެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ އެ ރަށުން ޕޮޒިޓިވްވި މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ވިލިނގިލީ މީހުން މުޒާހަރާކޮށް އޭނާ ރަށަށް ނޭރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އެ މައްސަލާގައި އާ ކޮވިޑް ފެސިލިޓީއެއް ތިނަދޫގައި ހަދަން ނިންމާފައިވާކަން ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ޓުވިޓާގައި ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ސަރުކާރުން އެކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ހުވަދޫ އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ހުންނަނީ ހަމައެކަނި ވިލިނގިލީގަ އެވެ. އެއްފަހަރާ 23 މީހުންނަށް ފަރުވާ ދެވޭ ގޮތައް ހަދާފައިވާ މި ފެސިލިޓީއަކީ އެ އަތޮޅުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އެންމެނަށް ފަރުވާ ދިނުމަށެވެ.

އެހެން ނަމަވެސް ވިލިނގިލީގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް އެ ރަށަށް ބަލި މީހަކު އަރުވަން ވަނީ ދެކޮޅު ހަދައިފަ އެވެ. ފަރުވާއަށް ވިލިނގިއްޔަށް ގެންދަން މަސައްކަތް ކުރީ އުމުރުން 68 އަހަރުގެ މީހެކެވެ. އެކަން ނާކާމިޔާބުވުމުން އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.