ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގަންނަވަނީ މި މަހުގެ 15 އިން 16 އަށެވެ.
މިއީ ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވަވާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ. އަދި، އިންޑިއާގެ އެހީގައި ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ދަތުރުފުޅުގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު އާ މިނިސްޓަރ ޝާހިދު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުންވެސް، އެކި ގައުމްތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންނާއި ވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.
Minister @abdulla_shahid departed to New Delhi today on a working visit. During the visit, FM Shahid will hold discussions with Indian External Affairs Minister @DrSJaishankar on bilateral & multilateral cooperation. He will also meet with Ambassadors accredited to 🇲🇻 based in 🇮🇳 pic.twitter.com/GrCeEMYhNm
— Ministry of Foreign Affairs 🇲🇻 (@MoFAmv) April 14, 2021
ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ގުޅުން އަލުން އިޔާދަކޮށް، އިތުރަށް ވަރުގަދަ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން، ޑރ. ޖައިޝަންކަރު ދިވެހިރާއްޖެއަށް ދާދި ފަހުން ޒިޔާރަތްކޮށްފައިވެއެވެ.