ކޮވިޑްގެ ބަލި މީހަކު ގއ. ވިލިނގިއްޔަށް ނޭރުވި މައްސަލަ އެ އަތޮޅު ކައުންސިލުން ކުށްވެރިކޮށްފިއެވެ. 

ވިލިނގިއްޔަށް މިއަދު ސީ އެމްބިއުލާންސްއެއްގައި ގެންދިޔައީ ގދ. ތިނަދޫއިން ޕޮޒިޓިވްވި ފިރިހެން މީހާއެވެ. ނަމަވެސް އެމީހާ އެ ރަށަށް ދެކޮޅު ހަދައި އެކަން ހުއްޓުވިއެވެ.

ގދ. އާއި ގއ. އަށް ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވަނީ ވިލިނގިލީގައެވެ. އެމީހާ ރަށަށް ގެނެސް ފަރުވާ ދިނުމުގެ ތައްޔާރީތައް ވެސް އެ ފެސިލިޓީގައި ވަނީ ވެފައެވެ. ނަމަވެސް މީހާ ރަށަށް ނޭރުވުމުން އަނބުރާ ތިނަދޫ މިހާރު ވަނީ ގެންގޮސްފައެވެ. އެމީހާ ވިލިނގިލީ ފަޅު ތެރޭގައި ލޯންޗުގައި ތިން ގަޑިއިރެއްހާއިރު މަޑުކުރިއެވެ.

އެ މައްސަލާގައި ވިލިނގިލީގައި ހުންނަ އަތޮޅު ކައުންސިލް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ބަލި މީހާ އެ ރަށަށް އެރުވުމަށް ހުރަސް އަޅާފައިވަނީ މަދު ބައެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. 

ބަޔާނުގައި ބުނީ ހުވަދު އަތޮޅުން ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފަރުވާދޭން ޖެހޭ މީހުންނަށް ވިލިނގިލީގެ ފެސިލިޓީއަށް ގެނެސް ފަރުވާ ދޭން ޖެހޭނެކަން ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ހުރަސް އެޅުމަކީ ވަރަށް ނާތަހުޒީބު ލާއިންސާނީ އަމަލެއް ކަމަށެވެ. 

އެކަމުގައި ބައިވެރިވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކައުންސިލުން ގޮވާލިއެވެ. 

ކައުންސިލުން މިހެން ގޮވާލާފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ސަބަބަކާ ހުރެވެސް އަދި އެހެން ސަބަބަކާ ހުރެވިޔަސް އާންމު ސިއްހަތުގެ ނިޒާމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ މައްސަލަތައް ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބަލި މީހާއަކީ މީގެކުރިން ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ 65 އަހަރުން މަތީ މީހެކެވެ. އެހެންވެ އެމީހާއަށް ފަރުވާ ދޭން ވަނީ ޖެހިފައެވެ. ފަރުވާ ދެވެން އޮތް ގޮތަކީ މާލެ ގެނެސްގެން ކަމަށްވާތީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހާ ވަނީ މާލެ ގެނެސްފައެވެ.

މިކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރުމަށް ހުވަދޫގެ ބައެއް މަޖިލިސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މަޑެވެލި ދާއިރާގެ މެންބަރު ހެސައިން ފިރުޝާން ވިދާޅުވީ ބަލި މީހާ ތިން ގަޑިއިރު ވަންދެން ފަޅު ތެރޭގައި އޮންނަން ޖެހުނުއިރު ފުލުހުންނަށް މިކަމުގައި ފިޔަވަޅެއް ނޭޅުމުން ކަންބޮޑުވާ ކަމަށެވެ. މުޒާހަރާ ކުރަން ތިބި މީހުން ބޮޑި އަޅުވައިގެން ހައްޔަރުކޮށްގެން ވިޔަސް ބަލި މީހާއަށް އެ ދޭން ޖެހޭ ފަރުވާ ދޭން ޖެހޭނެ ކަމަށެވެ. މީހެއްގެ ސިއްހީ ހިދުމަތަށް ހުރަސް ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުވަދޫ ރައްޔިތުންގެ ނަމުގައި ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ފިރުޝާން ގޮވާލެއްވިއެވެ.

"ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ދެރަވެފައި ވަރަށް ދެރަ ކަމެއް، ހިނގައިދިޔަ ގޮތެއް ބަލައި ހުރަސް އެޅި މީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލަން،" ފިރުޝާން ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ވިލިނގިލީގައި ފެސިލިޓީ ހެދުމުގެ ސަބަބުން މުޅި ހުވަދޫ ރައްޔިތުންނަށް ކޮވިޑް ފެސިލިޓީއިން މަހުރޫމްވެގެން ދިޔައީ ކަމަށެވެ. އެހެންކަމުން އެ ފެސިލިޓީ ތިނަދޫ ނުވަތަ އެހެން ރަށަކަށް ނަމަވެސް ބަދަލު ކުރަން އެބަޖެހޭ ކަމަށެވެ.

"ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ތަނެއްގައި ދައުލަތުގެ އެއްވެސް އިދާރާއެއް ބެހެއްޓިގެން ނުވާނެ، މިހާރުން މިހާރަށް ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދިނުމަށް ފަށަން ގޮވާލަން،" ސަނީފް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *