މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގެޒެޓު ކުރަން ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެކުލަވާލި މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. އެހެން ނަމަވެސް މުއްދަތު ފާއިތުވެ ދިޔަ އިރު ވެސް ގަވައިދު ހަދާފައި ނުވާ ކަމަށް ބުނެ، އޭނާ މަގާމްގެ މައްސޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ރ. މަޑުއްވަރީގައި އަޅާ އައިސްޕްލާންޓާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ މިދިޔަ މަހު 14 ވަނަ ދުވަހު އެ ގަވައިދުތައް ގެޒެޓް ކުރަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. 

ޒަހާ މިހެން ވިދާޅުވި ނަމަވެސް މިހާތަނަށް ވެސް އެ ގަވައިދު ގެޒެޓުކޮށްފައެއް ނުވެ އެވެ. އެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މެންބަރުން ނަގަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ނުސީދާ ގޮތަކަށް ވިދާޅުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *