ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީގައި ހަތިޔާރާއެކު ސިފައިން ފޯރިމަރަން ފަށައިފިއެވެ. މީގެ ކުރިން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ. 

ހޮޓެލް ޖެން ކުރިމަތީގައި ހުންނަ އިންޑިއާ ހައިކޮމިޝަން ދޮށުގައި ސިފައިން ތިބެން ފެށީ މިއަދުއެވެ. ސިފައިން އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. 

ނަމަވެސް އިއްޔެ އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާއަށް ފާޑުކިޔައި އެއްވުމެއް ބާއްވާފައެވެ. އިންޑިއާއިން ރާއްޖެ އަޅުވެތިކުރަން އުޅޭ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. 

އެ އެއްވުން ބާއްވާފައިވަނިކޮށް ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިންގާ އިމާރާތުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެސްބީއައިއިން މިއަދު ބުނީ އެ ބޭންކުން ހިދުމަތް ދިނުމަށް ބޭނުން ކުރާ ފަސް ފްލޯއަށް ވެސް ރޭގެ އަލިފާނުގައި ގެއްލުންވެފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް މާދަމާ ދޭން ފެށޭތޯ ކަމަށް ވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޮތް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ އެއީ އިންޑިއާއާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެފަދަ ކަމަކަށް ޝައްކު ކުރެވޭ ހެއްކެއް ފެނިފައިވާ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.