އިސްރާއީލާއެކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރަސްމީކޮށް ގުޅުން ގާއިމްކޮށްފިއެވެ. 

ޔޫއޭއީގެ ދައުލަތުގެ ޓީވީއިން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެމިރޭޓްސް އަދި ޔޫއޭއީގެ ލީޑަރު ޝެއިހް ޚަލީފާ ބިން ޒައިދް އަލް ނަހްޔާންގެ އެންގެވުމަަށެވެ. 

މި ނިންމުމާއެކު އިސްރާއީލްއަށް ނިސްބަތްވާ މީހުންނާއި ވިޔަފާރިތަކަށް ޔޫއޭއީގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި އިސްރާއީލުގައި އުފައްދާ މުދާތައް ވެސް ޔޫއޭއީގައި މިހާރު ވިއްކުން ވަނީ ހުއްދަ ކުރެވިފައެވެ. 

އަންނަ ހޯމަ ދުވަހު މި ދެގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ތެލް އަވީވްއިން އަބޫ ދާބީއަށް ދަތުރުކުރާ މި ފްލައިޓްގައި ވައިޓް ހައުސްގެ ސީނިއަރ އެޑްވައިޒަރ ޖެރެޑް ކުޝްނަރ އާއި، ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރ ރޮބާޓް އޯބްރިއެން އާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު އޭވީ ބާކޮވިޓްޒްގެ އިތުރުން އަދިވެސް އިސް އޮފިޝަލުންތަކެއް އިސްރާއީލްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއެކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ދަތުރުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އެގޮތުން ޓޫރިޒަމާއި، ވިޔަފާރިއާއި ފައިންނޭންސް އަދި އޭވިއޭޝަންގެ އިތުރުން ސިއްޚީ ދާއިރާއާއި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޔޫއޭއީ އަދި އިސްރާއިލާ ދެމެދު ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރުމުގައި މެދުވެރިޔެއްގެ ރޯލް އަދާކޮށްފައިވަނީ އެމެރިކާއެވެ. މި ނިންމުންތަކާއެކު ޔޫއޭއީ ވެގެންދިޔައީ ޖޯޑަން އަދި މިސްރަށް ފަހު އިސްރާއީލާއެކު ރަސްމީކޮށް ގުޅުން ގާއިމްކުރި އަރަބިކަރައިގެ ތިންވަނަ ގައުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *