ރަށު ރައްޔިތުންގެ ފޮތެއް ހިފާއިގެން ރުފިޔާ ހޯދަން ގޭގެއަށް އޭރު ހިނގިއެވެ. އެއީ ރައީސް ރައީސް މައުމޫން ވެރިކަމުގައެވެ. ރައްޔިތުންގެ އިންޖީންގެތަށް ހިންގުމަށް ފައިސާ ހޯދަންށެވެ. ކާތިބުގެ ބެލުމުގެ ދަށުން ރާކާފްކޮމެޓީގެ މަސައްކަތުން އޭރު އިންޖީންގެތަށް ހިންގަނީ ރައްޔިތުންގެ ފައިސާއިންނެވެ. ހައްދުންމަތީ ގަމުގެ ތިން އަވަށުގައި ތިން އިންޖީންގެ އޭރު ހިންގީމިގޮތަށެވެ. މިއަދު ކަރަންޓާ ފެނުގެ ޙިދުމަތަށް ދިނުމަށް ސަރުކާރުން ޔުޓިލިޓީ ކުންފުންޏެއް އުފަންދާ ކަރަންޓުގެ ޙިދުމަތްދެނީ ފެނަކައިންނެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގެ އެންމެ ބިންބޮޑުރަށްކަމަށްވާ ހައްދުންމަތީ ގަމުގައި އަދިވެސް ތިން އިންޖީންގެ ހުރެއެވެ. މިއީ އެއްރަށެއްގައި ތިން އިންޖީނުގެ ހުންނަ ހަމައެކަނި ރަށެވެ. އެހެންމެވެސް މިއަދު ފެނަކައިން އަމާޒު ހިފާފައި ވަނީ ހައްދުންމަތީ ގަމުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށެވެ. އަވަށުތެރެއަށް ދުންއަރާ ގޮތަށް ހުރި އިންޖީނުތަށް ނިއްވާލާ ގަމުގެ ކަރަންޓް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަށެވެ. އެއް ނެޓްވޯކްއަކުން ގަމު މުކުރިމަގު ، މަތިމަރަދޫ މާހިންނަ އަދި ތުނޑި ގުޅާލުމަށެވެ.

ލ. ގަމުގެ ކަރަންޓް އެއްނެޓްވޯކްއަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކެވެ. މިއަދު އެރަށުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އަވަށު އިންޖީންގެތަށް ނިންވާލުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެއީ ކުޑަ މަސައްކަތެއް ނޫނެވެ. މި ދައްކަނީ ރާއްޖޭގެ އެންމެ ބިންބޮޑު ރަށްކަމަށްވާ ގަމުގެ އެއްކޮޅުން އަނެންކޮޅަށް ކާބަލް އަޅާވާހަކެއެވެ. މިއީ ކުޑަ ރަށަކަށް އިންޖީނަކާއި ކޭބަލް ރޯލެއް ގެނެސްގެން ނެޓްވޯކް ރަނގަޅު ކުރުން ކަހަލަކަމެއް ވެސް ނޫނެވެ. 

ބޭބެ މިއީ މުކުރިމަގު އަވަށު މީހެއް، މި އަވަށުތެރޭގައި އިންޖީންގެ ހުންނަނީ، އަސްލު ވަރަށް އުނދަގޫވޭ އަޑުގަދަކަމުން، އިންޖީނުގެ ކައިރީގައި ބޭބެގެ ހުންނަނީ، އިންޖީން ނިންވާލާ، ބޮޑު އިންޖީންގެ އަށް ބަދަލުކުރުމުން ދެން މި އަޑެއް ނީވޭނެ ދޯ، އެކަމަކު އެއީ ވަރަށް ބޮޑު މަސައްކަތެއް، މި ސަރުކާރުން އެކަން ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް މުކުރިމަގު އަވަށުން ޖަޒީރާއާއި ވާހަކަ ދެއްކި މީހަކު ބުންޏެއެވެ.

ގަމުގެ ކަރަންޓް އެއްނެޓްވޯކްއަކުން ގުޅާލާއިރު މާހިންނަ އިންޖީންގެއަކީ މައި އިންޖީންގެއެވެ. އެ އިންޖީންގެ ބޮޑުކުރުމަށްޓަކައި ފެނަކައިން ވަނީ އައު އިންޖީންގެއެއް ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައެވެ. އަދި ގަމުގެ ތިން އަވަށުގެ ކަރަންޓް އެއްނެޓްވޯކްއަކުން ގުޅާލުމަށް ބޭނުންވާ އެޗްވީ ކޭބަލާއި، ޓްރާސްފޯމަރުތަކާއި 1.2 މެގަވޯޓްގެ ދެ އިންޖީންގެ ވަނީ ގަމަށް ގެންގޮސްފައެވެ.

ލ. ގަމު ފެނަކަ ބްރާޗުގެ މެނޭޖަރ ފާރޫގް ހުސެއިން ބުނީ، ގަމުގެ އެއްނެޓްވޯއަކުން ގުޅާލާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެރަށް ފެނަކައިން ގެނެސްފައިވާ 1500 ކޭ.ވީ.އޭ ( 1.2 މެގަރ ވޯޓްގެ) ދެ އިންޖީން އިސްޓްލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލަށް ފެނެކައިން އިމާރަތްކުރި އިންޖީންގޭގައި އިންޖީން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފެނެކައިގެ މުވައްޒިފުން އެރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ ޓްރާސްފޯމަރތަށް ބެހެއްޓުމަށް އިމާރަތްކުރަންޖެހޭ ތަންތަން އިމާރަތްކުރަމުންދާ ކަމަށެވެ.

"ގަމުގެ ކަރަންޓްގެ މައްސަލައަކީ އެއްވެސް ސަރުކާރަށް ހައްލުކުރެވިފައިވާ މައްސަލައެއްނޫން، އެއީ މީގެ ކުރިން ސަރުކާރުތަކުގެ ނިޔަތް ގޯސްވީމަ، ފެނަކަގެ މުވައްޒިފުންވެސް ބޭނުންކުރަނީ ސިޔާސީ ހަރަކާތް ރަށުތެރޭގައި ހިންގަން، އެހެންމަވެސް މި ސަރުކާރުން ގަމު ކަރަންޓްގެ މައްސަލަ ހައްލުކުރަން މީގެ ކުރިން ސަރުކާރުތަކުން ނުކުރާ މިންވަރަށް މަސައްކަތްކޮށްފި، މުވައްޒިފުންގެ ރެއާ ދުވާލު މަސައްކަތްކުރާތަންފެނޭ، މިސަރުކާރުން ގަމު ކަރަންޓްގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް" ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެއެވެ.

ފާރޫގު ވިދާޅުވި ގޮތުގައި ގަމަށް ބޮޑު އިންގިލާބެއް ގެންނާނެ މި މަޝްރޫއު ކުރިއަށް އޮތް ތިން މަސް ތެރޭގައި ނިންމާލެވޭނެއެވެ. އެހާ ހިސާބުން ގަމުގެ އަވަށްތަކުގައި ހުރި އިންޖީނުގެތައް އެއްކޮށް ނިއްވާލައި ގަމަށް ފުރިހަމަ ކަރަންޓުގެ ހިދުމަތް ދެވެން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ވެގެން ދާނެ އެއް ފައިދާއަކީ ފުރިހަމަ ކަރަންޓުގެ ހިދުމަތެއް ލިބުން، ރަނގަޅު ވޯލްޓޭޖުގެ ކަރަންޓު ނުލިބޭ ގެތައް އެބަހުރި، ބައެއް ގެސްޓްހައުސްތައް ވެސް އެބަހުރި އަމިއްލަ ޖަނަރޭޓް ބޭނުން ކުރާ، މި މަޝްރޫއު ނިމުމުން އެ ފަރާތްތަކަށް ފުރިހަމަ ކަރަންޓެއް ފޯރުކޮށްދެވޭނެ،" ފާރޫގު ވިދާޅުވިއެވެ.

ފާރޫގު ފާހަގަ ކުރެއްވި އަނެއް ފައިދާއަކީ އަވަށްތަކުގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ލުއިފަސޭހަ ކަމެވެ. އެ އިންޖީނުގެތައް ކައިރީގައި އުޅޭ މީހުންނަށް އަޑާއި ދުމުގެ އުނދަގޫ ވަަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ކިޔަވާ ކުދިންގެ ވެސް ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އަވަށްތަކުގެ އިންޖީނުގެތައް ނިއްވާލެމުން އެ ރައްޔިތުންނަށް އެ އުނދަގޫތަކުން ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގަމަށް މިއީ ތާރީހީ ބޮޑު މަޝްރޫއުއެކެވެ. ތިން މަސް ފަހުން ގަމަށް އަންނަ ބޮޑު ބަދަލާއެކު އެތައް ބަޔަކަށް ފަސޭހަތައް ލިބިގެން ގޮސް، ކަރަންޓުގެ ހިދުމަތުން ގަމަށް ކުރިއެރުން ލިބިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.