ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެންގުންތަކާއި ޚިލާފަށް މިއަދު ޕީޕީއެމްއިން ބޭއްވި އެއްވުމުގައި އިސްވެ ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު ކަމަށާއި އެހެންކަމުން އެމަނިކުފާނާއި މެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ނަމުގައި ޕީޕީއެމް އިން މިއަދު ހަވީރު ބޭއްވި އެއްވުމުގައި ރައީސް ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާސްކް ނާޅުއްވައި ރައީސް ވަހީދު އެއްވުމުގައި އުޅުއްވިއެވެ. އެއްވުމުގެ އެހެން ބައިވެރިންތަކެއްވެސް މާސްކް ނާޅައި ގައިގޯޅިވެ އުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ކޮވިޑް19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައެވެ. އަދި ގިނަ ބަޔަކު އެއްވެގެން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން ވަނީ މަނާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފު އެއްވުމުގެ ކުރީ ސަފުގައި ރައީސް ވަހީދު ހުންނެވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ ބަލިމަޑުކަން ކޮންޓްރޯލް ކުރަން ސަރުކާރާއި ސިއްހީ ޚިދުމަތްތެރިން ބުރަ މަސައްކަތްތަކެއްކޮށް ގޭގައި ތިބުމަށް އިރުޝާދު ދެމުންދާ ދަނޑިވަޅެއްގައި ދައުލަތުން އިނާޔަތް ލިބިވަޑައިގަންނަވާ ކުރީގެ ރައީސެއް ސިޔާސީ ފައިދާއަށް ބަލިމަޑުކަމެއްގެ ތެރޭގައި މީހުން އެއްކޮށްގެން އުޅުއްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ރޮޒައިނާ ވަނީ ސިއްހީ ނިޒާމަށް ނުތަކާ ވަރުވެގެން ބަލީގެ މަރުވާ މީހުންގެ މަރުގެ ޒިންމާ ނަންގަވާނަންތޯ ރައީސް ވަހީދުއާ ސުވާލުކުރައްވާފައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތަކީ ގައުމު ފަސާދަ ކުރަންދެވޭ އެއްޗެއް ނޫން ކަމަށެވެ. "ބައެއް ގަޑިގަޑީގައި އެކަނި މީހަކު ސައިކަލު ދުއްވުންވެސް މަނާކުރެވިފައިވާ އިރެއްގައި، ވަކި ބަޔަކު ސިޔާސީ ސައިގޯޅި އެއްވުންތައް ބޭއްވުމަކީ އެޗްޕީއޭގެ އިރުޝާދަށް ބޯލަނބައިގެން އުޅޭ މީހުންނަށް ބޮޑު ބޭއިންސާފެއް" މުހައްމަދި ވަހީދު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ބަލިމަޑުކަމުން އަރައިގަނެވި އިގްތިސާދު ރަނގަޅުވެދާނެތީ އެކަން ވިޔަ ނުދިނުން ކަމަށެވެ. ޝިފާއު ތުހުމަތު ކުރެއްވި ގޮތުގައި މީހުން މަގުމައްޗަށް ނެރެ ގައިގޯޅި އެއްވުންތައް އިދިކޮޅުން ބާއްވަނީ އެހެންވެއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށްދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެ ހުންނަވައިގެން ގައިގޯޅިވެ އެއްވުން ބޭއްވުން ބަލައި ނުގަނެވޭ ކަމަށެވެ. ވިސާމް ވަނީ ގައުމީ ޒިންމާ ނުއުފުލާ "މިފަދަ ފަރާތްތަކުގެ" އިނާޔަތް ކަނޑާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެންބަރުން މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިރޭ ވަނީ ރައީސް ވަހީދަށް ނުސީދާކޮށް ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރޭގައި ވަރަށް އިސްފަރާތްތައް މާސްކުވެސް ނާޅުއްވައި ނިކުމެވަޑައިގެން ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ރައީސް ވަނީ، ގާނޫނުތައް މުގުރާލައި، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އެއްވެސް އަމަލެއް ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.