އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރާނަމަ ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. 

މިރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް އެމަނިކުފާނު ވަޑައިގެންނެވުމުން ނޫސްވެރިން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް އޭގެ ސަބަބުން އަނެއްކާވެސް ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. 

ލޮކްޑައުންއަށް ނުދިޔުމަށް އޮތް ހައްލަކީ އެޗްޕީއޭއިން އަންގާ އެންގުންތަކަށް ތަބާވުން ކަމަށް ރައީސް ވިދާޅުވިއެވެ. ލޮކްޑައުންއަކަށް ދާން ބޭނުން ނުވި ނަމަވެސް މުޅި ރައްޔިތުންގެ ހައްގުގައި އެ ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އައިސްފިނަމަ، އެކަން ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިހާރު ވެސް މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުވަވަނަ ދަރަޖައިގައެވެ. ދިހަވަނަ ދަރަޖައަށް އެރުމުން ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށެވެ. 

މާސްކު ނާޅުއްވާ މިއަދު ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވެސް އުޅުއްވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. ރައީސް ވަހީދު މިއަދުގެ މުޒާހަރާގައި މާސްކު ނާޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ގައުމަށް ހެޔޮ އެދޭ ބަޔަކު އެގޮތަށް ނޫޅޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއަދުގެ ހަރަކާތް އެމަނިކުފާނު ބެއްލެވި ކަމަށާއި ފެނިގެން ދިޔައީ މިންގަނޑާ މުޅިން ހިލާފުވި ތަން ކަމަށެވެ. އެގޮތުން ފަސް މީހުންނަށްވުރެ ގިނައިން އެއްނުވެވޭނެކަން ފާހަގަ ކުރެއްވި އެވެ.

ފުލުހުން ވެސް މިއަދު ވަނީ ޕީޕީއެމްގެ މުޒާހަރާއާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ. މި ސަރުކާރުގައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށާއި ނަމަވެސް މިއަދު ފެނިގެން ދިޔައީ ޒިންމާދާރު ކަމެއް ނެތި އެކަން ކުރި ތަން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ހިލާފު ނުވާނަމަ އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އަނެއްކާވެސް ގިނަ ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށާއި އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ޖެހިއްޖެނަމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.