މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑުގެ 95 ޕަސެންޓް ނިއްވާލެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު ވަނީ އެކަމުގައި ހަރާކާތްތެރިވި ސިފައިންނާއި ފުލުހުންނަށް އިހްލާސްތެރި ޝުކުރު އަދާ ކުރައްވާފައެވެ. 

އަލިފާން ހިނގި ސަރަހައްދަށް ރައީސް ސޯލިހު މިރޭ ވަޑައިގެން އެކަމުގެ މައުލޫމާތުތައް ވަނީ ހޯއްދަވާފައެވެ. ރައީސް ވަނީ އަލިފާންގަނޑު ބޮޑަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސިފައިން ކުރި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. 

އަލިފާންގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން ވެސް ވަދައިގެންނެވިއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ. 

އަލިފާން ރޯވީ އާޓިފިޝަލް ބީޗް ކުރިމަތީ ބީއެމްއެލްގެ އޭޓީއެމް ހުންނަ އިމާރާތުގެ އުތުރުން ހުރި އިމާރާތުގައެވެ. އެއީ ކެފޭއެއް ހިންގަމުންދިޔަ އިމާރާތެކެވެ. އެ ކެފޭ ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ކެފޭއާ ޖެހިގެން ހުރި އިމާރާތުގެ އެކި ފަންގިފިލާތަކުގައި ވެސް އަލިފާން ރޯވިއެވެ. އެ އިމާރާތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އުރީދޫ ހިންގައެވެ. އެންމެ ބޮޑަށް އަލިފާން ހިފާފައިވަނީ އެންމެ މަތީ ފަންގިފިލާގައެވެ.

އިމާރާތް ކައިރީގައި ހުރި އެހެން އިމާރާތްތަކުން ވެސް މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. ޑިފެންސް މިނިސްޓަރު ވިދާޅުވީ އެފަދަ މީހުންނަށް ވަގުތީ ގޮތުން ހިޔާވަހިކަން ދިނުމަށް ކަލާފާނު ސްކޫލް ތައްޔާރު ކުރަމުންދާ ކަމަށެވެ.

މާލޭގައި ކޮވިޑް ވެސް ފެތެރެމުންދާތީ އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓުން އެޗްޕީއޭއަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވިދާޅުވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ތައްޔާރުވަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.