ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރިއެވެ. ރާއްޖޭގެ އަތޮޅެއް ވިއްކާލަން ފޫގަޅާލާފައި މަސައްކަތް ކުރިއެވެ. ރާއްޖޭގެ ފަޅުރަށްތަކާއި ފަޅާއި ގިރިއާއި ހާހަލަށް ދާންދެން ވިއްކިއެވެ. އެއް ރަށެއް، އެއް ފަޅެއް އެތައް ބަޔަކަށް ވިއްކިއެވެ. ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ކޮޅުވެސް ފެންފޮދަކާއިވެސް ނުލައި ދިރުވާލިއެވެ. ޗައިނާއިން ބިޔަ ބޮޑެތި ލޯނު ނަގައިގެން، ބިޔަ ބޮޑު މަޝްރޫއުތަކުގެ ނަމުގައި ބޮޑެތި އަގުގައި މަސައްކަތް ހަވާލުކޮށް އޭގެން ވިސް މިލިއަނުން ކާލީއެވެ. ރާއްޖޭ ވިއްކާލައި، އަދި ދަރުވާވެސްލީއެވެ.

މިއީ ޕީޕީއެމްގެ ވެރިކަމުގެ ހަގީގަތެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އަންބާއެވެ. އަތު ޖެހުނު އެއްޗެއް، އަތު ޖެހުނު ގޮތަކަށް ކައިލުމުގެ ފަލްސަފާއެވެ. ރުހުނަސް ނުރުހުނަސް ހަގީގަތެވެ. ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަނެ ހިންގި ވެރިކަމުގެ ޔައުމިއްޔާއެވެ. 

ވެރިކަމުގެ އާރާއި ބާރާއި އޭގެ މަސްތުގައި އެއިރު ކުރެވުނު ކަންތައްތައް މަތިން މިއަދު ހަނދާން ނެތިފައި ތިބި ކަހަލައެވެ. ރާއްޖެ ވިއްކާލައިގެން ހޯދި ނަހަމަ މުއްސަނދިކަމުގައި ދިރިއުޅޭއިރު، އެއީ ކިހިނެއް ލިބުނު އެއްޗެއްކަންވެސް ހަނދާން ނައްތާލީ ކަންނޭގެއެވެ. އެހެން ވެދާނެ ނޫންތޯއެވެ. އެ ހޯދާ ގޮތެއް "ޚުދު އަނބި މީހާވެސް އަހާ ނުލަ" އެވެ. ރާއްޖޭގެ އިސްތިގުލާލު މޯގޭޖް ކޮށްގެން ޗައިނާ ކުންފުނިތަކާއެކު ހިންގި ބިލިއަނުގެ މަޝްރޫއުން ލިބުނު މިލިއަންތައް ނުލިބޭ އެއްޗަކަށްވެސް އެހެންވީމާ ވެދާނެ ނޫންތޯއެވެ؟

ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ޕީޕީއެމް އިން ސައިކަލު ބުރެއް ޖަހައިފިއެވެ. ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ޕީޕީއެމް އިން މާލެއާއި މާފުއްޓާ ދެމެދު ދޯނި ބުރެއްވެސް ޖަހައިފިއެވެ. ސައިކަލު ބުރު ބްރިޖް ކައިރިން ޖެހިއިރު، ދޯނި ބުރު ބްރިޖް ދަށުން ގޮސް ޖަހާލި އިރު އެ މަޝްރޫއުއިން ކެވުނު ވަރު ހަމަ ހަނދާން ނުވަނީބާވައެވެ؟ އެ ބްރިޖް ފެންނަ ކޮންމެ ފަހަރަކު، ރާއްޖޭގެ ސިޔާދަތު މޯގޭޖްކޮށްގެން ނެގި ބޮޑު ލޯނު މަތިން ހަނދާން ނުވަނީބާވައެވެ؟ 

ސިޔާސީ ޕާޓީ ހަދައިގެން ސިޔާސީ ހަރަކާތް ހިންގަނީ ފިކުރަކައިގެންނެވެ. އެ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، ތާއީދާއި ލޯބި ހޯދައިގެން ވެރިކަމަށް އަންނަނީއެވެ. ޕީޕީއެމްގެ ވެރިކަން ނިމުނުތާ ދެ އަހަރުވީއިރު ފިކުރެއް ނެތެވެ. އޮތީ ކޮންމެވެސް ގޮތެއް ހަދައިގެން އަނެއްކާ ވެރިކަމަށް އައިސް ރާއްޖެ ވިއްކާލާފައި، މުއްސަނދިވުމުގެ ޚިޔާލު ނޫންބާވައެވެ. ރައީސް ޔާމީނު ހެއްދެވިހެން ފަޅުތަކާއި ރަށްތައް ވިއްކާލައިގެން ހޯދި ފައިސާ ދޮވެގެން ބޭނުންކުރުމުގެ ވިސްނުން ނޫންބާވައެވެ.

ޕީޕީއެމްއިން ހިންގި މި ދެ ހަރަކާތުގައި ފާހަގަވީ ކަމަކީ، ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ނިކުމެ ރައީސް ޔާމީން މިނިވަންކުރަން ގޮވަމުންދިޔަކަމެވެ. ކުރުކޮށް ބުނަނީނަމަ ގައުމުގެ މުގޫ ހަވާލުކުރުމުން އަސް ވިއްކާލާއި އަދި ލަގަން ވެސް ވިއްކާލި މީހާގެ ވާހަކައެވެ. 

ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހޭބޯނާރާއި ލޮލުފިޔައެއް ނުޖަހައި މަސައްކަތް ކުރާއިރު، ފެއިލްވެފައިވާ ޕީޕީއެމްގެ ލީޑަރޝިޕަށް ފެނުނީ ރާއްޖެ ވިއްކާލި މީހާގެ ދިފާއުގައި، ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ނިކުންނާށެވެ. ރާއްޖެއިން ވިއްކަނީ ކޯއްޗެއް، ކޮން ތަނެއް ކަމެއް ބުނެއެއް ނުދެއެވެ. ސިޔާސަތެއް، ފިކުރެއް އަދި އެއްވެސް ރޭވުންތެރިކަމެއް ނެތި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގޮވޭ ނުގޮވޭވެސް ނޭނގޭނެތާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.