އިންޑިއާ ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ހުޅުމާލެއަށް ލިބޭ ކުރިއެރުން ބަލައިގަންނަ ކަމަށް އެދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. 

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ރަނގަޅު ރޭވުންތެރިކަމެއް އަދި ދުރުރާސްތާގެ ވިސްނުންތަކެއް ގެންގުޅެގެން ތަރައްޤީ ކުރަމުން އަންނަ ތަނެއް ކަމަށެވެ. 

މި ޕްރޮޖެކްޓްތަކަކީ ފަހަރުގައި ބޮޑު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަކަށް ނުވިނަމަވެސް ޕަބްލިކް ސްޕޭސްތައް ޑިވެލޮޕް ކުރުމާއި، އަދި ހިތްފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށް ހިންގޭ ކަންކަމަކީވެސް މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މިކަމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލެއަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން މުހިންމު ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން ފާހަގަކޮށް ނިޔާޒް ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ހުޅުމާލެއަށް ލިބޭ ކުރިއެރުން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއަކާއި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ދެގައުމުގެ ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ. 

 ހުޅުމާލެއަށް އަމާޒުކޮށް އިއްޔެ އިފްތިތާހުކުރި ދެ ޕްރޮޖެކްޓަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.