ބާސެލޯނާގެ ބޯޑުން މަސައްކަތްކުރަމުންދަނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ވިއްކާލަން ކަމަށް އެކްލަބްގެ ކުރީގެ ރައީސް ޔޯން ލަޕޯޓާ ބުނެފިއެވެ. 

ނާކާމިޔާބު ސީޒަނަކަށްފަހު ބާސާއަށް ބޮޑެތި ބަދަލުތަކެއް އަންނަނީ އަންނަމުންނެވެ. އެގޮތުން އެޓީމުގެ ކޯޗުގެ މަގާމުން ކީކޭ ސެޓިއެން ވަކިކޮށް ނެދަލޭންޑްސްގެ ކޯޗުގެ މަގާމުގައި ހުރި ރޮނާލްޑް ކޯމަން ވަނީ އެމަގާމަށް އައްޔަނުކޮށްފައެވެ. 

ކޯމަން ވަނީ އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް އަންނަ ސީޒަނުގައި ކްލަބްގައި ބަހައްޓަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި މެސީގެ ކުރިމަގާއި ގުޅިގެން ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ލަޕޯޓާ ބުނީ ކްލަބަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިންތަކަކާއި ދެކޮޅަށް ބޯޑުން އަމަލު ކުރަމުންދަނީ ވަރަށް ގޯސްކޮށް ކަމަށާއި މިކަމުގެ ސަބަބުން ކްލަބަށް ހަޑި ނަންތަކެއް ލިބިގެންދާނެ ކަމަށެވެ. 

ބޯޑުން ކަންތައްތައް ކުރާ ގޮތުން ސިފަވަނީ މެސީ ވިއްކާލަން މަސައްކަތް ކުރަމުންދާތަން ކަމަށާއި އެގޮތަށް އެކަން ހިނގައިފިނަމަ އެވެގެންދާނީ ކްލަބްގެ ތާރީހުގައި ވެސް ހަދާ އެންމެ ބޮޑު ގޯހަށް ކަމަށް ލަޕޯޓާ ބުންޏެވެ. 

ބާސާގެ ސްކޮޑަށް ބޮޑު ބަދަލުތަކެއް ގެނައުމަށް އެކްލަބުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކުރުމަށް ބޭނުންވާ ފައިސާ އެކްލަބްގައި ނެތެވެ. އެހެންކަމުން މެސީ ގެއްލިގެން ދިޔުން ވެގެންދާނީ އެކްލަބަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.