ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލައަށް ވޯޓަށް ނާހާ، އަލުން ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އިން ނިންމާފައި ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މައުސޫމް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރުމުން އެ ހުވާގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނެވެ.

އެ މައްސަލާގައި ބަހުސް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލާ ޖެނަރަލްގެ ލަފާގެ މަތިން މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ނިންމާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު މި ޖެހެނީ މި މައްސަލައަށް ވޯޓަށް ނާހާ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވަން. ފޮނުވާ ސަބަބަކީ ކައުންސިލާ ޖެނަރަލް ވިދާޅުވެފައިވާތީ، އެގޮތައް ކައުންސިލާ ޖެނަރަލް ލަފާ ދެއްވާފައިވާތީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މައުސޫމްގެ މައްސަލަ ކޮމިޓީއަށް ފޮނުވާލުމަކީ އެ ނަމަށް އަލުން ވޯޓަށް ނާހާނެ ވާހަކައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިހާރު ފާހަގަ ކުރެވުނު ކަންކަމާއި އެކި އެކި ފުށުއެރުންތަކުގެ ސަބަބުން މެންބަރުންނާއި ސަރުކާރުން ވެސް މިކަމާ ގުޅޭ ގޮތުން ދެވަނަ ވިސްނުމަކަށް ދިޔުމަކީ ރަނގަޅު ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.