ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހަޔާތުގައި އެއްވެސް ކަމެއްގައި ވާދަ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ޒުވާނުން ދުވަސްވަރުން ފެށިގެން ވެސް އެކުވެރިންނެވެ. އަދި ރައީސް ސޯލިހު ކައިވެނި ބައްލަވައިގެންފައިވަނީ ރައީސް ނަޝީދުގެ ދެބެންގެދެދަރި ކޮއްކޯފުޅު، ފަޒްނާއާއެވެ. 

ރައީސް ނަޝީދު މިއަދު މަޖިލީހުގައި މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ސިޔާސީ ދެ ވާދަވެރިން ކަމަށް ސިފަ ކުރެއްވުމުންނެވެ. 

އާދަމް ޝަރީފަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ، އެމަނިކުފާނުގެ ހަޔާތުގައި އެއްވެސް ކަމަކާ ވާދަ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ހަޔާތުގެ އެއްވެސް ކަމަކާ ރައީސް ސޯލިހު ވެސް ވާދަ ނުކުރައްވާނެ ކަމަށެވެ. 

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ތިޔަ ފާހަގަ ކުރައްވަނީ އެއް ބޭފުޅަކާ ކައިވެނި ނުކުރައްވާނެ ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އޭނާ ފާހަގަ ކުރައްވަނީ ސިޔާސީ ކަންކަމުގައި ދެ ބޭފުޅުން މިހާރު ސިޔާސީ ދެ ވާދަވެރިންނަށް ވެފައިވާ ކަމަށެވެ. 

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް މި ދުވަސްވަރު އަޑު ގަދަވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ނަގަން ރައީސް ނަޝީދު އުޅުއްވުމުންނެވެ. ރައީސް ސޯލިހު ވަނީ ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި ރާއްޖޭގައި ހިފެހެއްޓިފައި އޮތީ ރައީސްގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.