ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމްގެ ޝަރުތާމެދު މަޖިލީހުގެ ބައެއް މެންބަރުން މިއަދު ސުވާލު އުފައްދަވައިފިއެވެ. 

މައުސޫމްއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއިން ނިންމައި މިއަދު ވަނީ އެ ރިޕޯޓް ހުށަހަޅާފައެވެ. 

އެ ރިޕޯޓް ހުށަހެޅުމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ކަންބޮޑުވުމެއް ފާޅު ކުރައްވާފައެވެ. އަފީފް ވިދާޅުވީ މައުސޫމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ ކަމަށެވެ. 

ގާނޫނު އަސާސީގައިވާ ގޮތުން މިނިސްޓަރަކަށް ވިޔަފާރީއެއްގައި އަމަލީ ގޮތުން ބައިވެރިއެއް ނުވެވޭނެއެވެ. 

އަފީފް ވިދާޅުވީ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ ވިޔަފާރީއެއްގައި އަމަލީ ގޮތުން ބައިވެރިވެވޭނެ މަގާމެއް ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއިން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންވެ އޭނާގެ ހުވާއާމެދު އަފީފް ސުވާލު އުފެއްދެވިއެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ އެކަން ފާހަގަ ކުރައްވައި ކޮމިޓީއިން އެކަން ކަށަވަރު ކުރެއްވިތޯ ބެލުމަށް އެދިވަޑައިގެންފައެވެ. 

ކޮމިޓީގެ މުގައްރިރު މެންބަރު ފަލާހު ވިދާޅުވީ މައުސޫމް ހުވާ ކުރެއްވިއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު ކަމުން ހުވާ ކުރެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރުގެ މަގާމު ދޫކޮށްލެއްވި ކަމަށެވެ. 

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޑރ. މައުސޫމް މިހާރު އެ ހުންނެވީ ގާނޫނު އަސާސީއާ އެއްގޮތަށް ހުވާ ކުރައްވައިގެން ނޫން ކަމަށެވެ. އެއީ ސައްހަ މަގާމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ލީގަލް ކައުންސިލްގެ ލަފާ އެކަމުގައި ހޯއްދަވަން ނިންމަވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.