ރާއްޖޭގައި އޮންނަ އެންމެ ރަނގަޅު ނިޒާމާމެދު ބަހުސް ފެށި، ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ. 

މިކަން ފެށުނީ އިއްޔެ ރައީސް މައުމޫން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާއީ، އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށާއި  2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން ކަމަށެވެ. 

ނިޒާމްގެ ވޯޓު ނެގިއިރު އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޑީއާރްޕީ އާއި އެމްޑީޕީއިން ތާއިދުކުރީ ދެ ނިޒާމަށެވެ. ޑީއާރްޕީއިން ރިޔާސީ ނިޒާމަށް ތާއިދުކޮށް އެމްޑީޕީއިން ބަރުލަމާނީ ނިޒާމަށެވެ. ދެ ޕާޓީއިން ވަރަށް ވަރުގަދަ ކެމްޕެއިންތަކެއް ވެސް ކުރިއެވެ. 

މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޑީއާރްޕީއިންނެވެ. ރިޔާސީ ނިޒާމް ރާއްޖޭގައި ބާއްވަން ވޯޓުލީ މީހުންގެ 62 އިންސައްތަ މީހުން އާނއެކޭ ބުންޏެވެ. ބަރުލަމާނީއަށް ތާއިދުކުރީ ވޯޓުލީ މީހުންގެ 37 އިންސައްތަ މީހުންނެވެ. 

ރައީސް މައުމޫނަށް ރައްދު ދެއްވައި ރައީސް ނަޝީދު ރޭ ޓްވީޓެއް ކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ އޮޅުވާލާފައި ކަމަށެވެ. ނިޒާމްގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވާލެއްވި ކަމަށެވެ. އެމަނިކުފާނަށް އޮޅުވާނުލެވުނީ ހަމައެކަނި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމަށާއި އެ އިންތިހާބުގައި ވީ ބަލި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ހީކުރި ގޮތާ ހިލާފަށް ރައީސް ނަޝީދުގެ މި ޓްވީޓަށް ރައީސް މައުމޫން ރައްދު ދެއްވިއެވެ. ރައީސް މައުމޫން ވިދާޅުވީ ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށެވެ. 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލި އިރު 2008 ގެ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެތޯ ރައީސް މައުމޫން ސުވާލު އުފައްދަވައި ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް ރައީސް ނަޝީދަށް ޗެލެންޖު ކުރެއްވިއެވެ. 

ރައީސް މައުމޫންގެ މި ޓްވީޓަށް ރައީސް ނަޝީދު އަދި ރައްދެއް ނުދެއްވައެވެ. ނަމަވެސް ބެލެވޭ ގޮތުގައި ދެ ބޭފުޅުންގެ މެދުގައި އަދިވެސް މި ބަހުސް ހޫނުވެގެންދާނެއެވެ. 

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އެމަނިކުުފާނު ބޭނުން ވަނީ ނިޒާމް ރާއްޖެ ގެނައުމަށެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިހާރު ވަނީ ބަރުލަމާނީ ނިޒާމް ރާއްޖެ ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް އެމަނިކުފާނަށް ވަގުތު ނެތް ކަމަށާއި އެއަށްވުރެ މުހިންމު ކަންކަން އެބަހުރި ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.