ކޮވިޑް-19އާ ގުޅިގެން ފޮރިން މިނިސްޓްރީއިން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. 

ކޮވިޑް-19އާ ގުޅިގެން ދައުލަތުން ކުރާ ހަރަދުތައް އޮޑިޓް ކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުގެ މަތިން ފޮރިން މިނިސްޓްރީއިން ކުރި ހަރަދުތައް ވެސް ވަނީ އޮޑިޓްކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ފޮރިން މިނިސްޓްރީއިން ވަނީ ކޮވިޑާ ގުޅިގެން ޖުމްލަ 7.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރެއިން 2.6 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވަނީ ބޭރުގައި ހާލުގައި ޖެހުނު ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. 

ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުން އެނބުރި ގައުމަށް އަންނަން ބޭނުންވި މީހުން ގެނައުމަށް 4.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެނިހެން ހަރަދުގެ ގޮތުގައި 501،664 ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުސޫކުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ. 

ކޮވިޑްގެ ހަރަދުތަކާ ގުޅޭ ގޮތުން ނެރުނު މިއީ ހަތަރު ވަނަ އޮޑިޓް ރިޕޯޓެވެ. މީގެކުރިން ޓޫރިޒަމް، ހެލްތު އަދި ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ނެރުނެވެ. އޭގެ ތެރެއިން ޓޫރިޒަމް އަދި ހެލްތު މިނިސްޓްރީގެ އޮޑިޓުން ގިނަ މައްސަލަތަކެއް ފާހަގަކުރިއެވެ. ޑިފެންސް މިނިސްޓްރީއިން ހަރަދުކޮށްފައިވަނީ ރަނގަޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.