ކޮވިޑް-19ގެ ހާލަތު މިހާރު ރާއްޖޭގައި އޮތީ އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ހިސާބަށް ގޮސްފައި ކަމަށް ގަބޫލު ކުރައްވާ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އަދިވެސް ދަނީ އިތުރުވަމުންނެވެ. އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެއެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އޭގެ އިތުރުން ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާއިރު ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުން ވެސް ވަނީ އިތުރުވެފައެވެ. 

ރާއްޖެޓީވީގެ ހަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މާލޭގެ ލޮކްޑައުންއަށް ލުއިތައް ދިންއިރު ވެސް ހާލަތު ގޯސްވާނެކަން އެނގޭ ކަމަށާއި ނަމަވެސް އުއްމީދުކޮށްގެން ތިބީ ރައްޔިތުން އިރުޝާދުތަކަށް ބޯލަނބާނެ ކަމަށް ކަމަށެވެ. ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިހާރު ވަނީ އުއްމީދު ކުރި ވަރަށްވުރެ ވެސް ހާލަތު ގޯސްވެފައެވެ. 

ޑރ. ޝީނާ ވަނީ މީގެކުރިން އޯގަސްޓް މަހަށް ލަފާކުރާ އަންދާޒާތައް ހާމަ ކުރައްވާފައެވެ. ޑރ. ޝީނާ އަންދާޒާ ކުރި މިންވަރަށްވުރެ ވެސް ގިނައިން މި މަސް ތެރޭގައި މިހާތަނަށް ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަހައްދުގެ އެނދުތަކުގެ 62 ޕަސެންޓް ވެސް މިހާރު ވަނީ ފުރިފައެވެ. 

މިއަދު ޑރ. ޝީނާ ވިދާޅުވީ އަވަހަށް އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ދާއިރާއަށް ނުތަކާ މިންވަރަށް ހިނގައިދާނެ ކަމަށެވެ. ޝީނާ ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ކަމަށް ފެންނަނީ ލޮކްޑައުންއަކަށް ގޮސްގެންނެވެ. އޭރަށް ބަލި ޑްރާސްޓިކަލީ ރެޑިއުސްވާނެ ކަމަށާއި މީގެކުރިން އެންމެންނަށް ވެސް އެކަން ފެނުނުކަން ފާހަގަ ކުރެއްވިއެވެ. 

އިތުރު ލޮކްޑައުންއަކަށް ނުދިޔަ ނަމަވެސް އެޗްޕީއޭގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށް ވެސް ޑ. ޝީނާ ވިދާޅުވިއެވެ. ނޫންނަމަ، ނިޒާމަށް ނުކަތާ، އެތައް ބަޔަކު މަރުވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.