އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ހެވީ މެޝިނަރީ އުޅަންދުފަހަރުތަކެއް ހަދިޔާކޮށްފިއެވެ. 

އިންޑިއާ ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ސިޓީ ކައުންސިލާއި ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދިރުއެވެ. މި އުޅަނދުތަކާއި ސިޓީ ކައުންސިލްގެ ފަރާތުން ހަވާލެވެވަޑައިގެންނެވީ މޭޔަރ ޝިފާ މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

އިންޑިއާ ސަރުކާރުގެ 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރެވުނު މި އުޅަނދުތަކުގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރ ސުދިރު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އިންޑިއާގެ 12.5 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި 28 ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއު ހިންގަމުންދާ ކަމަށެވެ. އަދި މި މަޝްރޫއުތަކަކީ ލާމަރުކަޒީ ސިފައެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލެވިގެން ހިންގޭ މަޝްރޫއުތަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާނެ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި އުޅެމުން ގެންދަނީ މާލެ ސިޓީގައިކަން ފާހަގަކޮށް ހައި ކޮމިޝަނަރު ވިދާޅުވީ މާލެ ސިޓީ ގައި ހިންގޭ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ސީދާ ގޮތުގައި ފައިދާ ވާނޭތީ، މާލޭގައި ހިންގޭ މަޝްރޫއުތަކަށް ޚާއްސަ މުހިންމުކަމެއް ދެވިފައިވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އުންމީދަކީ މިފަދަ ކުދި ގްރާންޓްތަކުގެ ދަށުން ހިންގޭ އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަހަށް ފުރިހަމަ ކުރެވި، ދިވެހި ރައްޔިތުންނަށް މި ޕްރޮޖެކްޓްތަކުގެ ފައިދާ ލިބެން ފެށުން ކަމަށް އެގައުމުގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއީ 6.9 މިލިއަން ޑޮލަރުގެ (106 މިލިއަން ރުފިޔާ) ގްރާންޓް އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގެމުންދާ 18 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *