ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. 

އެޗްޕީއޭއިން ވަނީ ރޭގަނޑު 8:00 ން ފެށިގެން ފަތިހު 5:00އާ ހަމައަށް މާލޭގެ މަގުތަކުގައި އަމިއްލަ ވެހިކަލް ދުއްވުން މަނާކޮށްފައެވެ. މި ނިންމުން މިހެން އައިއިރު މިހާރު މަގުތަކަށް ބަލާއިރު ރޭގަނޑު 8:00 އާއި 10:00އާ ދެމެދު ގިނަ އަދަދެއްގެ މީހުން މަގުތަކުގައި އުޅެއެވެ. ގިނަ މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. ޓްރެފިކް ބޮޑުވެފައެވެ. ހަމަ އެގޮތަށް ކެފޭ ރެސްޓޯރެންޓްތައް ވެސް އެ ގަޑީ އޮންނަނީ ފުރިފައެވެ.

މިހާރު އޮންނަ އުސޫލުން ރޭގަނޑު 10:00 ގައި ކާފިއު ހިންގަން ފަށައެވެ. 9:30 އަށް ފިހާރަތައް ބަންދުކުރަން ޖެހެއެވެ. އަލަށް އެޅި ފިޔަވަޅާއެކު 8:00 އަށް ފިހާރަތަކާއި ކެފޭތަކުގެ ޑެލިވަރީ ވެސް ނިންމުމަށް ވަނީ އަންގާފައެވެ. އަދި އެފަދަ ތަންތަނުގައި ޑިއުޓީގައި އުޅޭ މީހުންނަށް ވެސް 8:00 އަށްފަހު ވެހިކަލްގައި ގެއަށް ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ބޭނުން ހިފޭނެއެވެ.

އެޗްޕީއޭ އަދި ފުލުހުންގެ އިލްތިމާސްއަކީ ވެސް ވީއެންމެ އަވަހަކަށް މަސައްކަތްތައް ނިންމައި ގެއަށް ވަނުމެވެ. ނަމަވެސް މިކަމާމެދު އާންމުން ދެކޭ ގޮތް ތަފާތެވެ. ގިނަ ބަޔަކަށް މިކަން ވެފައިވަނީ ތަކުލީފެއްގެ ގޮތުގައެވެ. އަދި އަނެއް ބަޔަކަށް މިކަން ޖޯކަކަށް ވެސްވިއެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ. 

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ވެސް އެންމެ ގިނައިން ކޮވިޑް ޖެހޭ ކަމަށް ފާހަގަވެފައިވަނީ 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އެއީ އެންމެ ގިނައިން ކޮފީ ފަދަ އިޖުތިމާއީ އެއްވުންތަކަށް ގޮސް އުޅޭ އުމުރުގެ މީހުންނެވެ. 

އާ ފިޔަވަޅުން ނުކުންނާނެ ނަތިޖާއަށް ބަލާއިރު ރޭގަނޑުގެ ވަގުތުގައި މަގުތަކުގައި އުޅޭ މީހުން މަދުވުން ހިމެނެއެވެ. ވެހިކަލް ނުދުއްވޭނަމަ ބޭރަށް ނުކުންނަ މީހުންނާއި ކޮފީތަކަށް ދާ މީހުން ވަރަށް ބޮޑަށް މަދުވާނެއެވެ. ބޭރަށް ނުކުންނަ މީހުން މަދުވާ ކޮންމެ ފަހަރަކީ ވެސް ކޮވިޑް-19އަށް އެޅޭ ހުރަހެކެވެ.

މި ފިޔަވަޅަކީ ފުލް ލޮކްޑައުންއަކަށް ނުވަތަ ކާފިއު އިތުރު ނުކުރުމުގެ ގޮތުން ގެނައި ފިޔަވަޅެކެވެ. ފިޔަވަޅުގެ ސަބަބުން ދަތިތަކާ ކުރިމަތިވެދާނެއެވެ. ނަމަވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ 8:00 އަށް އޮފީސް ފަދަ ތަންތަން ވެސް ބަންދު ކުރުމަށެވެ. ފިހާރަތަކާއި ކެފޭތައް ވެސް އެ ގަޑިއަށް ބަންދު ކުރެވިދާނެއެވެ. 8:00 އެއީ ގެއަށް ވަންނަ ގަޑި ކަމަށް ބެލުމަކީ އެންމެ ރަނގަޅު ގޮތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *