އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި އެގައުމުގައި ކުރަމުންދާ މުޒާހަަރާތައް އިތުރަށް ވަރުގަދަވާން ފަށައިފިއެވެ. 

އޭނާއާ ދެކޮޅަށް މުޒާހަރާކުރަމުންދާތާ އެތައް މަސްތަކެއް ވެފައިވާއިރު ހޮނިހިރު ދުވަހު އޭނާގެ ރަސްމީ ގެކޮޅު ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެސް އަޑު އުފުލާފައިވެއެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލިފައިވާތީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށެވެ. ހަމައެހެންމެ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އެންމެ އެދެވޭ ފިޔަވަޅުތަކެއް ނޫން ކަމަށް ބުނެ ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ. 

މުޒާހަރާތައް އިތުރަށް ވަރުގަދަވެފައިވާއިރު މި ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ވެރިކަން ކުރާ ކޯލިޝަނުން އަންނަ އަހަރުގެ ބަޖެޓް ޕްލޭނަށް މަޝްވަރާކޮށް ވަކި ގޮތަކަށް އެއްބަސްވާން ޖެހެއެވެ. އެހެން ނޫންނަމަ އައު އިންތިހާބަކަށް ހުޅުވާލަން ޖެހެއެވެ. ބަޖެޓް ޕްލޭނަކަށް އެއްބަސް ނުވެވި އައު އިންތިހާބެއް ބާއްވާނަމަ ވެގެންދާނީ އެއް އަހަރުގެ ތެރޭގައި އިސްރާއިލުގައި ބާއްވާ ހަތަރުވަނަ އިންތިހާބަށެވެ. 

އިސްރާއީލުގެ ފުލުހުން ވަނީ މި މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައެވެ. 

އިސްތިއުފާ ދިނުމަށް ގޮވަލާ ފަރާތްތަކުން ގޮވާލުންތަކަށް ނަތަންޔާހޫ ބީރު ކަންފަތެއް ދީފައިވާއިރު އޭނާ ބުނެފައިވަނީ މި މުޒާހަރާތަކަކީ މީޑިއާ އާއި ވާތުފިޔައިގެ މީހުންގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ނަތަންޔާހޫއާ ދެކޮޅަށް ވަނީ ރިޝްވަތު ދިނުމާއި، މަކަރު ހެދުމުގެ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އިތުބާރު ގެއްލުވާލުމުގެ ދައުވާ އުފުލާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ވަކިވަކި ތިން ކޮރަޕްޝަން މައްސަލައާ ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.