ކޮވިޑް-19އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އަށް އިދިކޮޅު ބައެއް މެންބަރުންގެ ފާޑުވިދާޅުވުން އަމާޒުވެއްޖެއެވެ. 

އެ މެންބަރުންގެ ފާޑުވިދާޅުވުމުން އެޗްޕީއޭއަށް އަމާޒުވީ ކޮވިޑް-19ގެ ކޭސްތައް އަދިވެސް މާލެއިން ފެންނަމުންދާ މިންވަރު އިތުރަމުންދާތީ އާއި އެކަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެއެވެ. 

ނާއިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނީ ވަރަށް ބޮޑަށް ވަދެފައެވެ. ކޮވިޑުން އަރައިގަނެވޭނީ އެޗްޕީއޭގެ ޓެކްނިކަލް ޓީމަށް ސިޔާސީ ނުފޫޒު ނުފޯރުވާ ދުވަހަކުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ އެޗްޕީއޭ ސިޔާސީ ނުފޫޒުން އެއް ފަރާތްވެ ރައްޔިތުންނަށް ހެޔޮ އެދެން ޖެހޭ ކަމަށެވެ. ދެ ކޮޅު ޖެހޭ އެއްކަމެއް ވެސް ނުކުރޭ ކަމަށާއި ހަމަ ބުއްދިއަށް ތިލަކޮށް ވިސްނާލިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނުކުންނާނެ ނަތީޖާއެއް ނުވިސްނޭ ކަމަށެވެ. 

އެޗްޕީއޭއިން ވަނީ ރޭގަނޑު 8:00 ން ފެށިގެން ފަތިހު 5:00 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ. ނަމަވެސް މި ފިޔަވަޅާއެކު ރޭގަނޑު މަގުމަތީ އުޅޭ މީހުން މަދުވާނެ ކަމަށް ބެލެވެއެވެ. 

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ އެޗްޕީއޭއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދެފުށްކެހެރި ބޭފުޅުން ގައުމު ހިންގުމަށް ތިބުމުން ފެންނާނެ ނަތީޖާ މިހާރު ދަނީ ފެންނަމުން ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ. 

ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު މިހާރު ވެސް މިނިސްޓްރީގައި ފުލްޓައިމް މިނިސްޓަރެއް ނެތް ކަމަށެވެ. އެއީ ކަންބޮޑުވުމެއް ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމަކީ ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށާއި ފެންނަނީ ދެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *