ސިފައިންގެ އާ އިމާރާތް އެޅުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްފައި ވަނީ އުސޫލާ އެއްގޮތައް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިހެން ބުނީ ސިފައިންގެ އާ އިމާރާތުގެ މަސައްކަތް ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ އެ މިނިސްޓްރީއަށް ފާޑު ކިޔުން އަމާޒުވުމުންނެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތަކީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން މިދިޔަ އޭޕްރިލް މަހު ގެޒެޓްކޮށް، ނޭޝަނަލް ޓެންޑާ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލު ކަމަށެވެ. އަދި އެ އުސޫލުގެ ބޭނުމަކީ ޓެންޑަރިން އެވޯޑު ކުރާ މަޝްރޫއުތައް އަވަސް މިނެއްގައި ކުރިއަށް ގެންދިޔުން ކަމަށާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"...މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާ މަސީ އަދި މިނޫންވެސް މިކަމާ ގުޅޭ އެހެނިހެން ފަރާތްތަކާވެސް ވަނީ މަޝްވަރާ ކުރެވި ހިޔާލު ހޯދިފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިފައިންގެ އާ އިމާރާތުގެ މަޝްރޫއުގެ ޓެންޑާގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކަމަށާއި އެހެން ނަމަވެސް އެ ބިޑް އެވޯޑްކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑައަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެގޮތަށް އެކަންވެފައި ވަނީ އާ އުސޫލާ ގުޅިގެން ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށް ކަމަށާއި އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑާތަކުގެ އަދަދަކީ ގިނަ ވެގެން އަށެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ. އަދި މިވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެއީ ޖުމްލަ 11 ޕްރޮޖެކްޓް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. 

"...އެހެންކަމުން މި އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީ،" ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

އާ އުސޫލު ތަންފީޒު ކުރި ފަހުން އަމަލު ކުރަމުން އަންނަނީ އެ އުސޫލުން ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާނީ އެ އުސޫލުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ. އަދި ޓެންޑާތަކާއި ގުޅޭ އެ މައުލޫމާތުތައް އެ މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް އަންގައިދިނުމަށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.