މަސްވެރިންނަށް ދޭންޖެހޭ ފައިސާ މާދަމާއިން ފެށިގެން ދޫކޮށް ހަލާސްކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖޭހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދެކުނުގެ ބައެއް މަސްވެރިން ކުރި މުޒާހަރާއި ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ ހުރި ފައިސާ މަޑުމަޑުން ދޫކޮށް ހަލާސް ކުރަމުންދާ ކަމަށެވެ. 

މުޒާހަރާ ކުރި މަސްވެރިން މީގެ ތިން ދުވަސް ކުރިން އެމީހުންގެ ކަންބޮޑުވުން ހިއްސާކުރި ކަމަށާއި، އެކަމާއި ގުޅިގެން އާދީއްތަ ދުވަހުން ފެށިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބައެއް ދޫކުރުމަށް ހަމަޖެހިފައިވާކަން މަސްވެރިންނަށް ދަންނަވާފައިވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. 

މިއަދު ކޫއްޑޫގައި ބައެއް މަސްވެރިން މުޒާހަރާކުރި އިރު ފުލުހުން ވަނީ އެސަރަަހައްދުގައި ސެކިއުރިޓީ ބަލަހައްޓާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފިޝަރީސް މިނިސްޓަރ ޒާހާ ވަހީދުއާއި މިފްކޯގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލާފައެވެ. 

އިސްމާއިލް ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އެފަހަރަ މަސްވެރިންނަށް 15 މިލިއަނާ ކައިރި ކުރާ އަދަދަކަށް ފައިސާ ދޫކުރިކަން އިސްމާއިލް ފާހަގަކުރިއެވެ. ބާކީ ދޫކުރަންޖެހޭ ފައިސާ މާދަމާއިން ފެށިގެން ދޫކޮށް ހަލާސްކުރަން ފަށާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 33 މިލިއަން ރުފިޔާކަމަށް އެނާ ވިދާޅުވިއެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރެވިގެން ދިޔުމާއެކު މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.