ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވުމުން އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފި އެވެ.

ޝާހިދުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޑީއާރްޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު މިއަދު ޝާހިދަށް ފޯނުން ގުޅުއްވާ ވިދާޅުވި ގޮތުން 11 މެންބަރުންގެ ސޮޔާއެކު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ އެވެ.

އެ މައްސަލާގައި ރައީސް ނަޝީދު ވަނީ ޝާހިދުގެ ދިފާއުގައި ޓުވީޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ޝާހިދުއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ރައީސް ނަޝީދު ވަނީ ސާބަސް ވެސް ވިދާޅުވެފަ އެވެ.

"ޝާހިދުއަށް ހަމަކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. ސާބަސް މިނިސްޓާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝާހިދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް ޖާބިރު ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އެ މައްސަލަ ހުށަހެޅުއްވުމަށް އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒް ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. 

މީގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް މައްސަލާގެ ވާހަކަ ވެސް އެބަދެކެވެ އެވެ. އެ މައްސަލައަކީ ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން ހަރަދު ކުރި ގޮތުގެ އޮޑިޓެއް ހެދުމުން ވެންޓިލޭޓަރުތައް ގަތުމުގައި އޮޅުވާލުމާއި ގޯސްތައް ހަދާފައި ހުރި މައްސަލައެއް ހާމަވުމުންނެވެ. މި މައްސަލަ މަޖިލީހުން ބަލަމުން އަންނައިރު ގިނަ މެންބަރުން ގޮވާލަނީ އަމީން ވަކި ކުރެއްވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.