ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ. ނިޝާމާއަކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ ވެސްމެއެވެ. 

ދުބާއީ ކުންފުންޏަކަށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުރުމުގައި ގޯސްތަކެއްވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަ ބަލަން އޭސީސީ އާއި ފުލުހުންނަށް އަންގަވާފައެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޭފުޅުން ސަސްޕެންޑް ކުރައްވާފައެވެ. 

ސަސްޕެންޝަންގައި ހުންނެވި ނިޝާމާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެންޓިލޭޓަރު ހޯދުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ. އެކަމުގައި ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވާނީ ލިބިފައިވާ ލިޔެކިއުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ކަމަށާއި އަމަލު ކުރައްވާފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ނިޝާމާ ވިދާޅުވީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ އެ ކުންފުންޏަކީ ހެލްތު މިނިސްޓަރު އަމީން އަދި ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މެދުވެރިކޮށް ހޯއްދެވި ފަރާތެއް ކަމަށް ބިޑް ކޮމިޓީއަށް ލިއުން ހުށަހަޅާފައިވާތީ ކަމަށެވެ. 

ނިޝާމާ ވިދާޅުވީ، ވެންޓިލޭޓަރު ހޯދުން ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިއުމުގެ ހުއްދަ ފިނޭންސް މިނިސްޓަރު ދެއްވި ކަމަށެވެ. އެއީ ކޮންމެހެން ހޯދަން ޖެހޭ ތަކެއްޗަށްވުމާއި ވަގުތާއި ހާލަތަށް ބަލައި ވެންޓިލޭޓަރުތައް ނުލިބި ލަސްވެއްޖެނަމަ މީހުންގެ ފުރާނައަށް ނުރައްކާ ވެދާނެތީ ކަމަށެވެ. 

އޭނާ ވިދާޅުވީ އެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދަނިކޮށް ވަކި ގޮތަކަށް ވާހަކަ ދައްކަމުންދަނީ ތަހުގީގަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ބިޑް ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި އެކަމުގައި ބައިވެރިވި އެންމެން ޝާމިލްކޮށް ފުރިހަމަ ތަހުގީގެއް ހިންގައި ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ކަމަށެވެ. 

ބަޔާނުގައި ނިޝާމާ ވިދާޅުވީ ބިޑް ކޮމިޓީއިން އަމަލުކުރި ގޮތް އިދާރާތަކަށް ސާފުކޮށް ދެއްވާނެ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *