ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ބޭނުން ނަމަ އެންމެން އެއް އަޒުމެއްގައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރެއްގެ ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ ހިޖުރީ ސަނަތުން އާ އަހަރަކާ ބައްދަލުވިއިރު މިއަދު އެ މަތިވެރި ހާދިސާއިން އިބުރަތާއި ފިލާވަޅު ލިބިގަންނަން ޖެހިފައިވާ ކަމަށެވެ. 

އެގޮތުން ހިޖުރައިން ލިބިދޭ އެންމެ މަތިވެރި އިބުރަތަކީ މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުން ނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކުރިއެރުމާއި ތަރައްގީއަށް އެދޭ ނަމަ، އެންމެހައި ރައްޔިތުން އެއް އަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ދަތި އުނދަގޫ ހާލަތްތަކުގައި އާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމާއި، ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ފަދަ އިޖްތިމާއީ އަދާލަތު ގާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. 

އޭގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ވެސް އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެ ހުރަސްތައް ގިރާކޮށް ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތިސާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރިއާއި އިގްތިސާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށްގެން ކަމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.