ސަރުކާރާއި ދެކޮޅަށް އަސްކަރިއްޔާއިން ބަގާވާތް ކުރުމާއި ގުޅިގެން މާލީގެ ރައީސް އިބްރާހީމް ބޮބަކަރު ކެއިތާ އިސްތިއުފާ ދެއްވައިފިއެވެ. 

ދައުލަތުގެ ޓީވީ ޗެނަލްއިން އާއްމުކުރި ކުރު ބަޔާނެއްގައި އޭނާ ވިދާޅުވީ އަސްކަރިއްޔާއިން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތް ކަމަށެވެ. އެގޮތުން ގައުމުގައި ލޭއޮހޮރުވުންތަކެއް ހިނގުމުގެ ފުރުސަތު ދެއްވަން ބޭނުންނުވާތީ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ މި ބަޔާނުގައި އިއުލާންކުރައްވާފައެވެ. 
މާލީގައި އަސްކަރީ ވެރިކަމެއް ގާއިމްކޮށްފައިވާކަން ކަށަވަރުނުވާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން މާލީގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. 

މި ކަމާއި ގުޅިގެން އަސްކަރިއްޔާއިން ބަޔާނެއް މިހާތަނަށް ނެރެފައިނުވާއިރު ހުޅަނގު އެފްރިކާގެ ގައުމުތަކާއި، ފްރާންސާއި، ޔޫރަޕިއަން ޔޫނިއަން އަދި އެފްރިކަން ޔޫނިއަނުން ވަނީ އަސްކަރިއްޔާގެ މި އަމަލުތައް ކުށްވެރިކޮށް މާލީގެ ގާނޫނުތަކާއި ޚިލާފަށް ވެރިކަން ބަދަލުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. 

މާލީގެ ރައީސް ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް އުވާލާފައެވެ. 

އޭނާއާ ދެކޮޅަށް މީހުން މުޒާހަރާކުރަމުންދާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. މި މުޒާހަރާތައް ކުރިޔަށް ގެންދަނީ މާލީގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އިދިކޮޅުން ވަނީ އަސްކަރިއްޔާއަށް ތާއިދުކޮށް މަގުތަކަށް ނުކުމެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.