ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގައެއް ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީއިން ހޯދައިފިއެވެ. 

ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު ސެމީ ފައިނަލްގައި ޖަރުމަނުގެ ލީޕްޒީގް އަތުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑިމަރިއާ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފު ނިމުނީ 2-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފަށް ކުޅެން ނުކުމެ ލީޕްޒީގުން ކުޅުން ރަނގަޅުކުރި ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭ ގޮތް ވެފައެއް ނުވެއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު ހުއާން ބަރނާޓްއެވެ. 

މިއީ ޔުއެފާގެ ކްލަބް މުބާރާތެއްގައި ޕީއެސްޖީ ކުޅުނު 110 ވަނަ މެޗު ކަމަށްވާއިރު މިއީ އެޓީމުގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. ޕީއެސްޖީ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނެ ފްރާންސަށް ނިސްބަތްވާ ފަސްވަނަ ޓީމަށެވެ. 

ފައިނަލްގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ މިރޭ ލިޔޯން އަދި ބަޔާން މިއުނިކް ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.