ޗައިނާގެ ސަފީރާއި މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވަނީ / 2019 -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ޖަންގ ލިޖޮންގް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރު ފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

މި ބައްދަލުވުމުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ޖަންގ ލިޖޮންގ ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެމަނިކުފާނަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި، ޗައިނާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތަށްވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވެދެއްވި އެހީތަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ އިޖްތިމާއީ ކަންކަމުގައި ޖަންގ ދެއްވި އެއްބާރުލުމުގެ ސަބަބުން އެމަނިކުފާނަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބޭފުޅެއް ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަންގ ވަނީ، ދިވެހި ސަރުކާރާއި ދިވެހިން އެމަނިކުފާނަށް ބެހެއްޓެވި ގާތް ގުޅުން ފާހަގަކޮށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައިވެސް ޚާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސަފީރު ޖަންގ ލިޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން އިއްޔެ ވަނީ ވަރޗުއަލްކޮށް ވަދާއީ ހަފްލާއެއްވެސް ބާއްވާފައެވެ. އެ ހަފްލާގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް ކޯރގައި ޖަންގ ވަރަށް ހަރަކާތްތެރިކަން ފާހަގަކުރައްވައި ބައިނަލްއަގުވާމީ މައްސަލަތަކުގައިއާއި، ޚާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.