ދިވެހި ލީގުގެ ވާދަވެރިންގެ ތެރެއިން ސަލާމަތްވާނީ ކޮން ޓީމެއް؟

ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށިއިރު ޓީމުތަކުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވިއެވެ. އެކަން ލީގުގެ ޓްރާންސްފަރ މާކެޓް ބަންދުވި ދުވަހުން އެކަނިވެސް އެނގޭނެއެވެ. މި ސީޒަނާ ޓީމުތަކުން ކުރިމަތިލިއިރު، ބޮޑެތި ޓްރާންސްފަރތަކެއްކޮށް ވަރަށް ރަނގަޅަށް ތައްޔާރުވިއެވެ. އޭގެ ނަތީޖާ ލީގުގެ މެދާއި ހިސާބުން މިހާރު ފެންނަން ފަށައިފިކަން ކަށަވަރެވެ.

މާޒިޔާ

ލީގަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމަކީ މާޒިޔާއެވެ. ލީގުގެ މިހާ ހިސާބަށް އައިއިރު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ވެލެންސިއާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ 7 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. އެ ޓީމުން މިހާތަނަށް ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާއިރު، މާޒިޔާއިން ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް މާޒިޔާއިން ލީގުގައި ކުޅުނު 4 މެޗުން އެއްވަރު ވެފައިވެއެވެ. އެއީ ދަ ގްރާންޑޭ އަތުންނާއި، ވެލެންސިއާ އަތުންނާއި އީގަލްސް އަދި ސަސް އަތުންނެވެ.

މާޒިޔާއިން މި ސީޒަން ފެށީ އިތުބާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް ނިޒާމްބެ ވަނީ ސީޒަންގެ ކުރީކޮޅު މާޒިޔާގެ ކޯޗު ކަމުން އިސްތިއުފާ ދީފައެވެ. އެއާއިއެކު މާޒިޔާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ރެއާލް ބެޓިސްގެ ލެޖެންޑް ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފައެވެ. އެ ބަދަލާއެކު މާޒިޔާގެ ކުޅުން ތަފާތުވިކަމަށް ކުޅި ބެލުންތެރިން އަންނަނީ ބުނަމުންނެވެ.

ވެލެންސިއާ

މި ސީޒަނުގެ ޓްރާންސްފަރ މާކެޓުގެ އެންމެ ކުރީގައި އުޅެނީ ވެލެންސިއާއިންނެވެ. ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ވެލެންސިއާއިން ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ ސޮއިގެ އިތުރުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީގެ ސޮޔާއި، އަލީ ފާސިރު (ސެންޓޭ)ގެ ސޮއި ހިމެނެއެވެ. މީގެ އިތުރުން މިދުހަތު ފަހުމީ (ބިޗަޑު) އަދި ހުސެއިން ނިޔާޒް (ބޮކުރީ)ގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ.

މި ސީޒަނާ ކުރިމަތިލިއިރު ވެލެންސިއާގެ އަމާޒަކީ ލީގުގެ ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލުން ކަމަށް ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ވެލެންސިއާ އޮތް ހިސާބަށް ބަލާއިރު އެޓީމު ބޭނުންވި ހިސާބުގައި އޮވެ ލީގު ނިންމާލެވިދާނެއެވެ.

ވެލެންސިއާއިން ލީގު ތާވަލުގެ ދެވަނައިގައި އޮތްއިރު އެޓީމުން ވަނީ މިހާތަނަށް 10 މެޗު ކުޅެ 18 ޕޮއިންޓް ހޯދާފައެވެ. އަދި ލީގުގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ތިން މެޗު އެޓީމު ނިންމާލީ އެއްވަރުވެގެންނެވެ.

ސީޒަންގެ މިޑް ޓްރާންސްފަރ މާކެޓުގައިވެސް ވެލެންސިއާއިން ވަނީ ވަރުގަދަ މޮޅެތި ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެތެރެއިން އީރާނުގެ ގައުމީ ޓީމާއިއެކު ވޯލްޑްކަޕް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕޫލާދީގެ ސޮއިވެސް އެޓީމުން ވަނީ ހޯދާފައެވެ. މީގެއިތުރުން ސްޕެއިނުގެ ގިނަ ކުލަބުތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ މިޑްފީލްޑަރު ބޯހަސް މާޓިންގެ ސޮއިވެސް ވެލެންސިއާއިން ވަނީ ހޯދާފައެވެ.

ގްރީން ސްޓްރީޓްސް

އަލީ ނިސްތާރުގެ އިރުޝާދުގެ ދަށުން ގްރީން ސްޓްރީޓްސްއިން މި ސީޒަނާއި ކުރިމަތިލީ ޒުވާން ސްކޮޑަކާއިއެކުގައެވެ. އެހެންނަމަވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއްވެސް އެޓީމުގެ ސްކޮޑުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މުޙައްމަދު ސާއިފް ހިމެނެއެވެ.

ގްރީންގެ ޒުވާން ތަރިންނަށް ބަލާއިރު ގްރީނުން ކެރިޔަރުފަށާ ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދި އަބްދުﷲ ޔާމީން (ޔާނު) އާއި، ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން މުހައްމަދު ޖައިލަމް (އޮގީ) ހިމެނެއެވެ.

ގްރީނުން ލީގުގައި މިހާތަނަށް 11 މެޗު ކުޅެފައިވާއިރު، އެޓީމުން ލީގު ތާވަލުގެ ތިންވަނައިގައި އޮތީ ލިބުނު 17 ޕޮއިންޓާއެކުގައެވެ. ގްރީން ކުޅުނު 11 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު، ދެ މެޗު ނިންމާލާފައިވަނީ އެއްވަރުވެގެންނެވެ. ގްރީނުން މި ސީޒަނަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލުމެވެ. އެހެންކަމުން ގްރީންގެ ޓާގެޓަށް މިހާތަނަށް ވަނީ ވާސިލުވެފައެވެ.

ދަ ގްރާންޑޭ

އިސްމާއިލް މަޙްފޫޒް (އިންމަ)ގެ އިރުޝާދުގެ ދަށުން އެވްރެޖު ސްކޮޑަކާއިއެކު، މި ސީޒަނާއި ކުރިމަތިލި ދަ ގްރާންޑޭ ފާހަގަކޮށްލެވެނީ ސަޕްރައިޒިންގ ޓީމެއްގެ ގޮތުގައެވެ. ބޮޑެތި ކްލަބްތަކާއި ދެކޮޅަށް އެޓީމު ނެރުނު ނަތީޖާތައް މިކަމަށް ހެކިވެއެވެ. އެގޮތުން ވެލެންސިއާ އަދި މާޒިޔާ މެޗު އެޓީމުން ވަނީ އެއްވަރުކޮށްފައެވެ.

ދަ ގްރާންޑޭ ސްކޮޑުގައި ނަން މަޝްހޫރު ކުޅުންތެރިން މަދު ނަމަވެސް އެ ޓީމުގައިވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އަޙްމަދު އަޔާޒް (އަޔާ) އާއި، ޔަޝްފާދު ހަބީބް (މުލަކޭ)ގެ އިތުރުން އަހްމަދު ވިޖުދާން (ވިޖޫ) ހިމެނެއެވެ.

ސީޒަނާއި ކުރިމަތިލިއިރު ގްރާންޑޭގެ ކޯޗު އިންމަ ބުނީ އެ ޓީމުގެ އަމާޒަކީ ގަދަ ހަތަރެއް ކަމަށެވެ. ލީގުގެ މިހާތަނަށް ދަ ގްރާންޑޭ 11 މެޗު ކުޅެފައިވާއިރު، އެޓީމަށް ވަނީ 16 ޕޮއިންޓް ލިބިފައެވެ. އޭގެ ތެރެއިން ތިން މެޗުން އެ ޓީމު ބަލިވެފައިވާއިރު، ހަތަރު މެޗު ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ. އެއާއިއެކު ދަ ގްރާންޑޭއިން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.

ޓީސީ ސްޕޯޓްސް ކްލަބް

މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން ނުކުތް ޓީސީ ސްޕޯޓްސް ކްލަބަކީ މި ސީޒަނުގައި އެވްރެޖްކޮށް އެންމެ ޒުވާން ކުޅުންތެރިން ގިނަ ސްކޮޑް އޮތް ޓީމެވެ. އެގޮތުން ޓްރާންސްފަރ މާކެޓުގައި ޓީސީއާ ގުޅުނު ގިނަ ކުޅުންތެރިންނަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވިދާލި ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އިބްރާހީމް އިމްރާން (މެސީ) އާއި، ހަމްދޫން އަބްދުލް ލަތީފްގެ އިތުރުން އިބްރާހީމް ސާވީގެ ސޮއި އެޓީމުން ވަނީ ހޯދައިފައެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ޓީސީން އަންނަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ސީޒަންގެ މެދުތެރެއިން ޓީސީގެ ކޯޗު ޝާޒް އިސްތިއުފާ ދިނުމާއި ގުޅިގެން އެޓީމުން ވަނީ އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު ނިޒާމްބެއާ ކޯޗުކަން ހަވާލުކޮށްފައެވެ.

ލީގުގެ ފަސްވަނައިގައި ޓީސީން އޮތީ ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. ޓީސީން ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު ތިން މެޗު ނިންމާލީ އެއްވަރު ވެގެންނެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ޓީމެކެވެ. ސަސް އިން ވަނީ ސީޒަން ފެށުމުގެ ކުރިން އެޓީމަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ގެނަސް ޓީމުގެ ސްކޮޑު ވަރުގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އާއި، އަހުމަދު ޝާފިއު (ޝާފީ)ގެ އިތުރުން އަހުމަދު އައިހަމްގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ. އަދި ނިމިދިޔަ ޓްރާންސްފަރ މާކެޓުގައި އެޓީމުން ވަނީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ މުޖުތާޒް މުހައްމަދު (މުޖޭ) އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) ލޯނު އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެނަސްފައެވެ.

ސަސްއިން ސީޒަން ފެށީ އަހުމަދު ނާޝިދު (ނާދު)ގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް ދެ ފަރާތް އެއްބަސްވެގެން ނާދު ސަސްއާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ. އެއާއިއެކު ސަސްގެ ކޯޗު ކަމާއި ހަވާލުވީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އެވެ.

ސަސްއިން މިހާތަނަށް ލީގުގައި 11 މެޗު ކުޅެފައިވާއިރު އެ ޓީމު ލީގު ތާވަލުގެ ހަވަނައިގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ސަސް ކުޅުނު 11 މެޗުގެ ތެރެއިން 3 މެޗުން ބަލިވެފައިވާއިރު، 6 މެޗު ނިންމާލީ އެއްވަރުވެގެންނެވެ. ސަސް އިން މި ސީޒަނާއި ކުރިމަތިލީ ގަދަ ހަޓީމުގެ ތެރޭގައި ހިމެނުމުގެ އަމާޒާއިއެކުގައެވެ.

ކްލަބް އީގަލްސް

ސީޒަން ހުޅުވާ މެޗު މާޒިޔާގެ މައްޗަށް ކާމިޔާބު ހޯދާ ޗެރެޓީ ޝީލްޑު އުފުލާލި އީގަލްސްއިން ސީޒަނާއި ކުރިމަތިލީ މޯހަންގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް ލީގުގައި އީގަލްސްއިން ނެރެމުން ގެންދިޔަ ދަށް ނަތީޖާތަކާއިއެކު މޯހަން ވަނީ އީގަލްސްގެ ކޯޗު ކަމުން އިސްތިއުފާ ދީފައެވެ. އެއާއިއެކު އެ ޓީމުގެ ކޯޗަކަށް ޝާޒު ވަނީ ހަމަޖައްސައިފައެވެ.

އެވްރެޖު ސްކޮޑެއް އޮތް އީގަލްސްއިން ލީގުގައި މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން އީގަލްސް ބަލިވެފައިވާއިރު، ތިން މެޗު ނިންމާލީ އެއްވަރު ވެގެންނެވެ.

ޔުނައިޓެޑް ވިކްޓްރީ

ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ ސޮޔާއިއެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މި ސީޒަނާއި ކުރިމަތިލީ މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ. ސީޒަނާއި ކުރިމަތިލިއިރު ޔޫވީން ވަނީ ތަޖުރިބާކާރު ދެ ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އެއީ މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއިލް އީސަ (މެސީ)ގެ ސޮޔެވެ. އެހެންނަމަވެސް ޔޫވީން މި ހާތަނަށް ދަށް ނަތީޖާތަކެއް ނެރެމުން އަންނައިރު، އެޓީމުގެ ކޯޗު ކަމުން މުހައްމަދު އާދަމް ވަނީ އިސްތިއުފާ ދީފައެވެ. އެއާއިއެކު އެޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ވަނީ ހަމަޖައްސައިފައެވެ.

ޔޫވީން މިހާތަނަށް ލީގުގައި 11 މެޗު ކުޅެފައިވާއިރު އެ ޓީމު މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ޔޫވީން 8 މެޗު ބަލިވެގެން ނިންމާލިއިރު ތިން މެޗު ނިންމާލީ އެއްވަރު ވެގެންނެވެ.

އެއާއިއެކު ޔޫވީގެ ކޯޗު ސާންތީ ބުނީ ޔޫވީން ދެން ތައްޔާރުވާނީ ރެލިގޭޝަނުގެ މެޗުތަކަށް ކަމަށެވެ.

ދިވެހި ލީގުގެ ތާވަލަށް ބަލާލާއިރު، އެއްވަނައިގައި އޮތް މާޒިޔާ މެޗަކުން ބަލި ވެއްޖެނަމަ ދެވަނައިގައި އޮތް ވެލެންސިއާއަށް ކުރިޔަށް އޮތް ދެ މެޗު ކާމިޔާބު ކޮށްގެން މާޒިޔާ ފަހަތައް ޖައްސާލުމުގެ ފުރުސަތު އެބައޮތެވެ. އަދި ލީގު ތާވަލުގެ ތިންވަނަ، ހަތަރުވަނަ، ފަސްވަނަ، ހަވަނަ އަދި ހަތްވަނައިގައި އޮތް ޓީމުތަކުގެ ފަރަގުވެސް ކުޑައެވެ. އެހެން ކަމުން މި ސީޒަނުގެ ކުރިޔަށް ހުރި މެޗުތައް ވެގެންދާނީ ފޯރިގަދަ މެޗުތަކަކަށްކަން ކަށަވަރެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %