ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ ގިނަ ހުވަފެންތައް ދެކޭ އުމުރުގައި ހަނާ އުމަރަށް ޖެހިފައިވަނީ ހޮސްޕިޓަލްގެ އެނދު މަތީގައި އޮންނާށެވެ. އެތައް ގިނަ ވޭނަކާއި ތަކުލީފެއް އުފުލަން ޖެހިފައިވަނީ ކުއްލިއަކަށް ދިމާވި އަދާޔާ ހިލާފު ބަލީގެ ސަބަބުންނެވެ. 

އުމުރުން އެންމެ 18 އަހަރުގެ ހަނާ އުމަރަކީ ކުޅުދުއްފުއްޓަށް އުފަން ކުއްޖެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަނާ އަންނަނީ "ހެމަރެޖިކް ޓެލެޖެކްޓޭސިއާ" ކިޔާ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އެ ބައްޔަކީ ވަރަށް މަދު ބަޔަކަށް ޖެހޭ ރާއްޖެއިން ފަރުވާ ނުލިބޭ ބައްޔަކެވެ. މި ބަލީގައި ނޭފަތުން ލޭ އައުމުގެ އިތުރުން ކުޑަކަމުދާ އިރުގަ އާއި ބޮޑުކަމުދާ އިރު ލޭ އާދެއެވެ. އެ ތަކުލީފުގައި ހަނާ ދަނީ ކެތްތެރިކަން ދައްކަމުންނެވެ. 

ހަނާއަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ ލަފާގެ މަތިން މި އަހަރުގެ މާޗް މަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް އޭނާގެ ތަކުލީފަށް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. 

މިހާރު ވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ހަނާގެ މަންމަ ބުނެފައިވާ ގޮތުގައި ހަނާގެ ބައްޔަކީ އާންމު ނޫން ބައްޔަކަށްވެފައި ޖެނެޓިކް މައްސަލައެއް ހުންނަ ބައްޔަކަށްވުމުން އަދިވެސް ބަލިން ރަނގަޅުވާނެ ފަރުވާއެއް ލިބިފައިނުވާ ކަމަށެވެ. 

"މި ބަލީގައި ވޭތުވެގެން މިދާ ގިނަ ދުވަސްތަކަކީ އަޅުގަނޑުގެ ދަރިފުޅު ހޮސްޕިޓަލްގައި ހޭދަ ކުރަމުންދާ ގިނަ ދުވަސްތަކެއް،" ހަނާގެ މަންމަ ހުސްނާ މުހައްމަދު ބުންޏެވެ. 

މިހާރު ވެސް ހަނާ ސަލާމަތް ކުރުމަށް އޭނާ ގޮވައިގެން ބޭރަށް ދިޔުމަށް ހުސްނާއަށް ވަނީ މަޖުބޫރުވެފައެވެ. ބަލީގެ ފަރުވާއަށް ވަނީ އާސަންދަ ހަމަޖެހިފައެވެ. ނަމަވެސް ބައްޔަށް ފަރުވާ ހޯދުމުގެ ގޮތުން އެކި ފަހަރު މަތިން މާލެ އައުމާއި ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ގޮސްފައިވުމުގެ ސަބަބުން މިހާރު އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ހުސްނާ ބުންޏެވެ. 

ބޭރަށް ދާން މަޖުބޫރުވެފައިވީ ނަމަވެސް އެކަމުގައި ހުސްނާއަށް ހަނާ ގޮވައިގެން ނުފުރިފައި ވަނީ ބޭރު ގައުމެއްގައި ހިނގާނެ ހަރަދުތައް އުފުލޭނެ ވަރު އޭނާގެ ނެތުމުންނެވެ. އާސަންދައިން ޓިކެޓް ވެސް ހަމަޖެހިފައިވަނީ ހަމައެކަނި ހަނާގެ އެވެ. ހުސްނާގެ ޓިކެޓް ނުލިބެއެވެ. އެ ހަރަދާއި ދެން ހުރި ހަރަދުތައް ވެސް ކުރެވެން ނެތުމުން ހުސްނާ ވަނީ އެންސްޕާގައި ވެސް އާދޭސް ދަންނަވާފައެވެ. ނަމަވެސް އަދި އަލިމަގެއް ފެންނަ ގޮތް ވަނީ ނުވެފައެވެ. 

ހުސްނާގެ ޓިކެޓް ހަމަޖެއްސޭނެ ގޮތެއް ނެތިގެން ހަނާ އިންޑިއާއަށް ދިޔުމަށް މިފަހުން ފުރުސަތު ލިބުމުން ވެސް ވަނީ ދޫކޮށްލަން ޖެހިފައެވެ. ނަމަވެސް ދަރިފުޅުގެ ހައްގުގައި ދެން އިތުރަށް މަޑުކުރަން އޭނާ ބޭނުން ނުވާތީ ހެޔޮ އެދޭ މީހުންގެ އެހީތެރިކަމަށް ހުސްނާ ވަނީ ވަރަށް ބޮޑަށް އެދިފައެވެ. ހަނާއަށް ފަރުވާ ލިބުމަށް ކުޑަކުޑަ އެހީއެއް ވެސް ވެގެން ދާނީ ވަރަށް ބޮޑު ހައްލަކަށެވެ. 

އެތައް ގިނަ ހުވަފެންތަކަކާއެކު ދިރިއުޅުނު ހަނާ، ބަލި އެނދުން ތެދުވެ އަލުން އުފާވެރި ދިރިއުޅުމެއް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ދަރިފުޅަށްޓަކައި މަންމައަކު ދެކެމުންދިޔަ އުފާވެރި އުއްމީދުތައް އަލުން ދިރިވުމަށް ވެސް މިހާރު އެ ދެމައިންނަށް ބޭނުން ވަނީ ހަމަ ކުޑަ އެހީތެރިކަމެކެވެ. 

ހަނާގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް؛ 

އެކައުންޓް ނަންބަރު: Husna Mohamed    7730000031313

ހުސްނާއަށް ގުޅޭނެ ނަންބަރު: 9101234  /  7860170

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.