އަންގސަނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުންނަށް އެރުމުގެ ހުއްދަ ނުދިން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ އެ ރިސޯޓަށް އީސީގެ އޮފިޝަލުންނަށް އެރުމުގެ ހުއްދަ ނުދީގެން، އެ ފަރާތްތައް މިހާރު ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު، އެ ރިސޯޓުގައި ތިބި 61 ފަރާތަކަށް ލިބިގެންވެއެވެ. ޝަރީފް ވިދާޅުވީ މި ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީސީން ދަނީ ކޮވިޑް-19 ގެ ހާލަތުގައި، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކާއި ކަރަންޓީނުގައި ތިބި ފަރާތްތަކަށް ވެސް ވޯޓު ލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.